މިދިޔަ މެއި 1ގައި ކަނޑުމަތީން ހުއްޓުވި ލޯންޗެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ހައްޔަރުކުރި އަދުހަމް އަހުމަދު ރަޝީދު އާއި ތަހުމީން އަހްމަދު ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މެއި 06، 2021ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަކީ މެއި އެއް ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުޅުމާލެ ފަޅުތެރެއިން ކަމަށެވެ.

އެގޮތުން، އެ ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރި ވުމަށްފަހު ސީން ނިންމާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ. ކަމަށެވެ.