އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ 8 މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށް، އެމީހުން ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ މިއަދު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހައިކޯޓުން ނިންމީ އެ 5 މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާތިލު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި އެ 5 މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ކޯޓުންް ދޫކޮށްލާފައިވާ މިދިޔަ މަހު 30 ގައެވެ.

ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މި އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހުއެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އެކި ވަރުގެ އަނިޔާތައް ލިބި ވަނީ ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނު ވިލާތުން ބޭސްފަރުވާ ހޯއްދެވުމަށް ވަޑައިގެންފައެވެ.

ފުލުހުން ވަނީ މިދިޔަމަހު 18 ވަނަ ދުވަހު ވެސް ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރި ވާ މީހެއް މާލެ އިން ހައްޔަރު ކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ. ކަމަށެވެ.