އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެއްޅުވި ބިލްގެ ދިފާއުގައި ދީނީ ގިނަ މިސާލުތަކެއް ދައްކަވާފިއެވެ.

އެބިލް ހުށަހަޅުއްވާ މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުން މެނުވީ ބައެއް ކަހަލަ ތުހުމަތު އެއީ މީހުންގެ މައްޗަށް ކުރެވޭނެ ތުހުމަތު ތަކެއް ނޫން ކަމަށެވެ.

މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ ކަމަށާއި އެފަދަ ތުހުމަތެއް ކުރެވޭނަމަ ހިންގަން ޖެހޭނީ ޖިނާއީ އިޖުރާތު، ޖިނާއީ އަދުލުގެ ނިޒާމު ދައްކާފައިވާ މަގު ކަމަށް ހިސާން ވިދާޅުވިއެވެ.

ވަކި މީހަކަށް ނިސްބަތްކޮށް އޭނާއަކީ ކާފަރެކޭ، ލާދީނީ މީހެއްކަމަށް ތުހުމަތުކޮށް އެގޮތަށް ލޭބަލް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެއީ މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފަ އޮންނަ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ސަހީހް އަލް ބުހާރީގައި އައިސްފައިވާ އުސާމާ ބިން ޒައިދުގެ ނަޒަރެއް ދެއްވާ ހިސާން ވިދަޅުވީ މާތް ނަބިއްޔާ ( ﷺ) ހަނގުރާމައަކަށް ފޮނުވި، ސަހާބީން އެހަނގުރާމާގެ ތެރެއިން އަދާވާތްތެރިއަކު ފަހާ ދުވެ ވަޑައިގެން، އެމީހާ ޝަހާދަތުގެ ދެކަލިމަ ކީމާވެސް އެމީހާ ގަތުލުކޮށްލެވުނު، އެހާދިސާ މާތް ނަބިއްޔާގެ އަރިހުގައި ދެއްނެވުނު ކަމަށެވެ.

އުސާމަތުގެފާނު މާތް ނަބިއްޔާ (ﷺ) ހަދިޘް ކުރެއްވި ބަސްފުޅުގެ މާނާގައި ވަނީ ލާއިލާހަ އިއްލަ ﷲ ކުޔުމަށްފަހު އެމީހާ ގަތުލު ކުރީ ހޭ އޭ އުސާމާ އޭ، އެހިނދު އުސާމަތުގެ ފާނު ވަނީ އޭ ﷲގެ ރަސޫލާއެވެ. އޭނާ ޝަހާދަށް ކީ މަރުން ސަލާމަތް ވުމުގެ ބެނުމުގައެ، ދެން ވެސް ރަސޫލާ ( ﷺ) ހަދީޘް ކުރައްވަނީ އޭ އުސާމާއެވެ. އެމީހާ ލާއިލާހަ އިއްލަ ﷲ ކިޔުމަށްފަހު އެމީހާ ގަތުލު ކުރީހެއްޔެވެ.
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

މާތް ނަބިއްޔާ އެގޮތަށް ތަކުރާ ކުރެއްވި ކަމަށާއި އުސާމަތުގެފާނު ވިދާޅުވަނީ އެދުވަހުގެ ފަހުން އިސްލާމު ވެވުނު ނަމައޭ ހިތްޕުޅަށް އަރާވަރަށް މާތް ނަބިއްޔާ އެގޮތައް އެބަސްފުޅު ތަކުރާރު ކުރެއްވި ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

އަދި އޭނާ އަކީ ތެދުވެރިއެއްތޯ ދޮގުވެރިއެއްތޯ ބެލުމަށް އޭނާގެ ހިތް ފަޅައިގެން ކަލޭގެފާނު ބެއްލެވީތޯ ސުވާލު ކުރައްވާފައިވާ ކަމަށް މިސާލު ދެއްވަމުން ހިސާން ވިދާޅުވިއެވެ.

ސަހީހް މުސްލިމުގައި ރިވާވެގެންވަނީ ހާލިދުގެފާނު ވިދާޅުވި ކަމަށް، ހިތްތަކުގައި ނުވާތަކެތި ދުލުން ކިޔާ އުޅޭ ނަމާދު ކުރާ ކިތައް މީހުން އުޅޭހޭ، އެގޮތަށް ހާލިދުގެފާނު ވިދާޅުވުމުން މާތް ނަބިއްޔާ (ﷺ) ހަދީޘް ކުރައްވަނީ ހަމަކަށަވަރުން ތިމަންކަލޭގެފާނު މީސްތަކުންގެ ހިތްތައް ތޮރުފާ، ބަޑުތައް ފަޅާ އަމުރުކުރެވިގެން ނުވެއޭ، މިހަދީޘްއާ ގުޅިގެން އިމާމް ޝައުކާނީ ވިދާޅުވީ ޒިންދީގަކު ވިއަސް މާނައަކީ މުރުތައްދުވެފައިވާ މީހަކު ނުވަތަ ލާދީނީ އޭ ކިޔަމާތޯ، އޭގެ މީހަކު ވިއަސް ތައުބާ ފާޅުކޮށްފިނަމަ އިސްލާމް ކަމުގެ އަމަލުތަކުން އަމަލުކޮށްފިނަމަ އޭނާގެ ލޭ ވަނީ ރައްކާތެރި ކުރެވިގެންނޭ،
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ އެބިލް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި މިއަދު ހުށަހެޅި ބިލް ގަނޫނު އުގޫބާތައް ގެނެވޭ އިސްލާހަކީ އުސާމަތުގެ ހާދިސާއިން ވިސްނުން ނަގާގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ. އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.