އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް އެޖެންޑާ ކޮށްފިއެވެ.
އެބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހެކެވެ.
މިއަދުގެ ޖަލްސާގައި މި އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަން ތާވަލް ކޮށްފައި ވާއިރު މި އިސްލާހުގެ މަގްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓާ، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ. އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މި ބިލާ ގުޅިގެން ގިނަ ބައެއް ފާޑުކިޔުން އަމާޒުވެފައިވާއިރު މި ބިލަށް ސަލަފުން ވެސް ވަނީ ފާޑުކިޔާފައެވެ. ސަލަފުން ބުނެފައިވަނީ މި ބިލް ހުށަހެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލުގެ ނަމުގައި އިސްތިހާރުކޮށްފައި ވަނީ އާންމު ރައްޔިތުންނަށް ބިލުގެ އަސްލު މަގުސަދާ ހަގީގަތް އޮޅުވާލުމަށް ކަމަށާ މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެއެވެ.