މިސްކިތުގައި ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއެކު މާލެ ސިޓީ ކައުންސިލުން ނުކުމެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސްކިތުގައި ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއެކު ހާއްސަ މަސައްކަތްތަކެއް ފާށާފައިވާ ކަމަށެވެ. މި ކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް ވަނީ މިސްކިތްތައް ބަންދު ކޮށްފައެވެ. މިސްކިތްތައް ބަންދު ކުރުމުން މަސްތުވާ ތަކެތި ބޭނުންކުރާ ބައެއް ޒުވާނުން އެކަން ކުރުމަށް މިސްކިތްތަކަށް އަރާ މައްސަލަ މިވަނީ ފެންނަން ފަށާފައެވެ. އެކަމުގެ ޝަކުވާ މިސްކިތްތަކުގެ އިމާމުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތު ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް، އެތަނުގައި ނިދާ ހަދާ ކަމާއި އަދި ހަތިމް ތެރެއަށް މަސްތުވާތަކެތި ހުންނަ ރަބަރު ޕެކެޓް ކޮޅު ފޮރުވަން ލުން ފަދަ ކަންކަން ކުރާ ކަމަށް ވެސް އިމާމުން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާ، އެއްޗެހި ދޮވެ މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނޫން އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ރޭގެ ވަގުތެއްގައި މަސްތުގެ ހާލަތުގައި މިސްކިތްތަކަށް ވަދެ ތިބި 15 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮންނަ، ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށާއި ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ 15 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތް މީހަކު ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ އަށް މީހުން ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.