އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޮގަސްޓް 13، 2021 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިއުލާނުގައި ބުނެއެވެ.
މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އީމެއިލް އެޑްރެސް އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އެ އޮފީހުގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.
މައްސަލަ ހުށަހަޅާ ފޯމާ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ވެބްސައިޓު އަދި އޮފީސް ހުޅުވާފަ ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެއެވެ. ހަމައެއާއެކު އެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެ މަތިން ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހަގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާނެއެވެ.