ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ނިންމައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑްގެ މިހާރުގެ ހާލަތަށް ބަލާ ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ފިހާރަތަކާއި، ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތް ދެވޭ ވަގުތު ރޭގަނޑު 10 ޖެހުމާ ހަމައަށް އިތުރުކުރުމާއި ކާފިއު ވަގުތުގައި ޑެލިވަރީގެ ހިދުމަތް ދޭ ގަޑި ރޭގަނޑު 8 ޖެހުމާ އިތުރު ކުރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން ފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް މަސައްކަތުގައި ހަވީރު 6 ޖެހުމާ ހަމައަށް ތިބުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އަދި ހަފްތާއަކު ދެ ދުވަހު ހުޅުދޫ މީދޫ އަށް ފެރީގެ ހިދުމަތް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެ ހިދުމަތް ދެވޭނީ އައްޑޫ އީއޯސީ އިން ހުއްދަ ދެވޭ ފަރާތްތަކަށް ކަމަށެވެ.

ނިޒާރު ވިދާޅުވީ ފާއިތުވި ހަތަރު ދުވަހަށް ބެލުމަށްފަހު ގިނަ ލުއިތަކެއް ދިނުމަށް ނިންމާ ނަގަންޖެހޭ ހުއްދަ ހޯދި ނަމަވެސް އިއްޔެ ފެނުނު ކޭސްތަކާ ގުޅިގެން އޭގެތެރެއިން ބައެއް ލުއިތައް ދިނުން މަޑުޖައްސާލަން ޖެހުނު ކަމަށެވެ.

ނިޒާރު ވިފާޅުވީ އިއްޔެ ފެނުން ކެސްތަކާ ގުޅިގެން މަޑުޖައްސާލަން ޖެހުނު ބައެއް ލުއިތަކުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުން ހިމެނޭ ކަމަށެވެ.

އައްޑޫ އިން އިއްޔެ ތިން ޕޮޒިޓިވް ކޭސް ފެނިފައިވާއިރު އޭގެ ތެރޭގައި ދެ ރެންޑަމް ސާމްޕަލްއަކާ ފްލޫ ކްލިނިކަށް ދެއްކި މީހަކު ހިމެނެއެވެ. އަދި ކޭސްތަކާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 60 މީހަކު ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އައްޑޫ ސިޓީ މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 12 ގަޑިއިރު ކާފިއު ހިންގުމާއި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ.

އޭގެ އިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ހިމެނެއެވެ.

އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމާ، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން ހިމެނެއެވެ.

ކޮވިޑް ކޭސްތަކެއް ފެނި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.

އައްޑޫ ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ ކޭސްގެ އަދަދު މިހާރު ވަނީ 324 އަށް އަރާފައެވެ.