އޮންލައިން ވިޔަފާރީގެ ދުނިޔެއިން ވިދާލި މަހުޖަނު، ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ކުންފުނިން ޖަވަށް ކުރާ ފުރަތަމަ ދަތުރުގައި ބައިވެރިވުމަށް، އެ ފްލައިޓުން ސީޓެއް ގަތުމަށް، ކާކުކަން ނޭނގޭ މީހަކު، 28 މިލިއަން ޑޮލަރު ހަރަދު ކޮށްފިއެވެ.

ބޭޒޯސްގެ ފުރަތަމަ ޖައްވީ ފްލައިޓުން ސީޓެއް ދޫކޮށްލުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ނީލަމުގައި، 28 މިލިއަން ޑޮލަރު ހަރަދުކޮށް، ނީލަން ކާމިޔާބު ކުރި މީހާގެ ވަނަވަރު، ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް، ބްލޫ އޮރިޖިން ކުންފުނިން ކުރި ޓްވީޓެއްގައި ވަނީ ހާމަ ކޮށްފައެވެ.

ޖައްވީ ފްލައިޓުން ސީޓެއް ކަށަވަރު ކުރުމަށް މަހެއްހާ ދުވަހުޔގެ މުއްދަތަށް ކުރިއަށް ގެންދިޔަ ނީލަމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 140 ގައުމަކުން މީހުން ބައިވެރިވިއެވެ.

ޖުލައި 20 ގައި ފަށާ ޖައްވީ ދަތުރުގައި، ނީލަން ކާމިޔާބު ކުރި މީހާގެ އިތުރުން ދެން ބައިވެރިވާނީ ބޭޒޯސްގެ އަޚެއް ކަމަށްވާ މާކް އަދި ޖައްވީ ފަތުރުވެރިއެއް ކަމަށް މައުލުމާތު ލިބެއެވެ. ޖައްވީ ފަތުރުވެރިޔާގެ ނަންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުގައި ހުދު، ބޭޒޯސް ބައިވެރިވެއެވެ.

ހޮނިހިރު ދުވަހު އޮންލައިން ޕްލެޓްފޯމްގައި ކުރިއަށް ގެންދިޔަ ނީލަމުން ލިބުނު ފައިސާ ޖަމާ ކުރުމަށް ހަމަޖެހިފައި ވަނީ ބްލޫ އޮރިޖިންގެ ފައުންޑޭޝަނަށް ކަމަށް ހަބަރު ލިބެއެވެ.

ޖުލައި 20 ވަނަ ދުވަހު ބްލޫ އޮރިޖިންއިން އުދުއްސާލާ ޖައްވީ އުޅަނދަކީ، ދުނިޔޭގެ ސަތަހައިން ފެށިގެން، (ޖައްވުގެ ތެރެއަށް) 100 ކިލޯމީޓަރު އުސްމިނަށް ދަތުރު ކުރާނެ އުޅަނދެކެވެ. މިއީ މައިކްރޯގްރެވިޓީގެ އިހުސާސް ކުރުވާނެ އުސްމިނެކެވެ. މި ކެޕްސޫލް، ދުނިޔޭގެ ބިމަށް، އަނބުރާ ދަތުރު ކުރާނީ ޕެރަޝޫޓް ނުވަތަ ވައިކުޑަތަކެއްގެ އެހީގައެވެ.

ބޭޒޯސްގެ ތާރީހީ ދަތުރުގެ ދިގު މިނަކީ، ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ކަމަށް ހަބަރު ލިބެއެވެ.

ފޯބްޒް މަޖައްލާގެ ރެކޯޑްތަކަށް ބަލާއިރު، ބޭޒޯސްގެ މިލްކިއްޔާތުގެ އަގު، 186.2 ބިލިއަން ޑޮލަރަށް އަރައެވެ.