ރިހިވެލި ބީޗް ރިސޯޓުން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 12:49 ހާއިރު ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރު ގެއްލިގެން ހޯދަމުން ދަނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން ގެއްލިގެން ހޯދާ މީހާގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިއަދު ގެއްލިގެން ހޯދަމުން ދަނީ އެ ރިސޯޓުގެ އެޗްއާރް މެނޭޖަރުގެ މަގާމުން ވަކިކޮށްފައި ހުރި އަހްމަދު އަސްލަމް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން މީހަކަށް ފެނިފައި ވަނީ ފަތިހު 5:00 ގައި ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެއެވެ.