އަލިފުށި ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ސިޔާސީ ތަޖުރިބާ ހުރި ކެރޭ ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު ބިގޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަސު ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެވެސް މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އައި މައްސަލަތައް ބޮޑުވެފައި ވާ މި ދަނޑިވަޅުގައި މިއަދު ރާއްޖެ ޓީވީގައި ބިގޭ ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައި ފަސްޓް ލޭޑީ ފަޒްނާ ފޭސްބުކްގައި ޕޯސްޓެއް ވަނީ ކުރައްވާފައެވެ.

ފަޒްނާ ވިދާޅުވީ، މިއަދުގެ ޝޯގައި ބިގޭ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަަމަށާއި ވަކި މީހަކު މޮޅުކޮށް ވަކި މީހަކު ދެރަކޮށްގެން ނޫންކަން ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމެވުމުގައި ބިގޭ އިސްކަން ދެއްވަނީ ވަގުތާއި ހާލަތައް ބައްލަވާ އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ބިގޭއަކީވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަ ވެގެން ހިނގައްޖެ. މާޝާﷲ"
ފަސްޓް ލޭޑީ ފަޒްނާ

ފަޒްނާގެ ކޮއްކޮ ހުދާ އަހުމަދު އާއި ކަައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭއަށް ތައުރީފް ކުރައްވަމުން ފަޒްނާ ވިދާޅުވީ، އެގޮތުން ބިގޭއަކީ ވެސް ބަސް މަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ހީވާގި ލީޑަރެއް ކަން މިއަދު ހާމަވެގެން ހިނގައްޖެ ކަމަށެވެ.

މިއަދުގެ ޝޯގައި ބިގޭ ވަނީ ސިޔާސީ މަސައްކަތުގައި އޭނާއަށް ކުރިމަތިވެވަޑައިގެން ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ޓިނު ގޮޅީގައި ހަ މަސް ދުވަސް އަދި ބޮޑު ގޮޅީގައި ދެ ރޯދަ މަސް ހޭދަކުރައްވަން ޖެހިވަޑައިގެން ކަމަށް ވިދާޅުވިއެވެ. މުޅި ޖުމްލަ ފަސް އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. އަދި އަރުވާލުމާއި ގޭ ބަންދުގައިވެސް ޒުވާން އުމުރުގެ އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އެވާހަކަތައް ވެސް ފަޒުނާގެ ޕޯސްޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ފަޒުނާ ފޭސްކްބް ޕޯސްޓުގެ ސްކްރީންޝޮޓެއް

އެމްޑީޕީއާ ގުޅޭ ގޮތުން ބިގޭ މިއަދު ފާހަގަކުރެއްވި އެއް މައްސަލައަކީ އެ ޕާޓީގެ މަސައްކަތް ދެބައިވުމުގެ ބިރެވެ. އެގޮތުން ޕާޓީ ދެބައި ނުވިޔަސް، މަޖިލީހާއި ސަރުކާރު ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ މަސައްކަތްތައް ދެބައިވަމުން ދާތަން ފެނިވަޑައިގަންނަވާ ކަމަށް ބިގޭ ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އުނދަގޫވާ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ބިގޭ ވިދާޅުވެފައި ވެއެވެ.