ގިނަ އަދަދަކަށް ކެމިކަލް ބަރުކޮށްގެން، އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް ގަދައަށް ރޯވެ އަންދާ ހުލުވިފައިވާ އެކްސް-ޕްރެސް ޕާލްގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ތިމާވެށީގެ ކާރިސާގެ ވާހަކަތަކަށް މިއިން ދުވަހަކު ނިމުން ނެތެވެ. މި ވަގުތަކީ، އެތައް އަހަރަކަށް ދެމި ހިނގައިދާނެ ކާރިސާއެއްގެ ފެށުމެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި އޮވެ، ރޯވެ، ބޯޓު އަނދަމުން ދިޔަ މަންޒަރު، އެތައް މޭލު ދުރަކަށް ފެނުނެވެ. ނަމަވެސް، އެ ބޯޓުން މިހާރު ދުމުގެ ހިލަމެއްވެސް ނުވާ ފަދައެވެ. ބޯޓުގެ އެއްބައި އޮތީ މުޅިން ފެތިފައެވެ. ބޯޓުގެ ބައެއް، ކަނޑު އަޑީގެ ސަތަހާގައި ޖެހިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބޯޓުގައި ރޯވި ގަދަ އަލިފާންގަނޑު ނިއްވާލާފައި ވީ ނަމަވެސް، ހަގީގީ ނުރައްކާ، އަދި ފެށުނީއެވެ. ނުފެތި އޮތް ބައިގައި އަދިވެސް މަތިމައްޗަށް ކޮންޓޭނަރު ޖަހާފައި އެބަހުއްޓެވެ. ބަރުކޮށްފައި ވަނީ ނުރައްކާތެރި ކެމިކަލެވެ. ފެތިފައިވާ ބައިގައި ގިނަ އަދަދަކަށް ތެޔޮ ރައްކާ ކޮށްފައި އެބަހުއްޓެވެ. މިއީވެސް ކަނޑަށް ބޭރުވުމުގެ ފުރުސަތު ބޮޑު އެއްޗެކެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ، ފެތެމުންދާ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އެއާފޯސް މީޑިއާ

ތިމާވެށީގެ ނުރައްކާތަކުގެ އިތުރުން، މިއީ ސަރަހައްދީ މަސްވެރިންނަށްވެސް ދިން ހިތްދަތި މެސެޖެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އުމުރު ދުވަހު ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ވަނީ މަޖުބޫރުވެފައެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޯޓު އޮތް ހިސާބުން ފެށިގެން ބޮޑު ސަރަހައްދެއްގައި މަސްވެރިކަން ކުރުން ވަނީ މަނާ ކޮށްފައެވެ. މިކަމުގެ އަސަރު، އެތައް އަހަރަކަށް ކުރުމުގެ ފުރުސަތު އެބައޮތެވެ.

ހާދިސާ ހިނގި ސަރަހައްދުން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު، ލޮލުގައި އަޅައިގަންނަ އެކައްޗަކީ ކުދިކުދި ޕްލާސްޓިކް ކޮޅުތަކެވެ. އެންމެ ދުރަށް ލޮލަށް ފެންނަ ހިސާބަށް، މި ޕްލާސްޓިކްތައް ދެމިގެންދެއެވެ. ނާޑްލްސް ނުވަތަ ޕްލާސްޓިކް ޕެލެޓްތަކަކީ، ޕްލާސްޓިކުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ މާއްދާއެވެ.

ލަންކާ ކަނޑުގެ ސަރަހައްދުގައި ކެމިކަލް ޓޭންކު ތަކާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓު ރޯވެ ފެތެމުން ދަނީ

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހިންގާ ސެންޓާ ފޮ އެންވާރަމަންޓަލް ޖަސްޓިސްގެ އެކްޓިވިސްޓެއް ކަމަށްވާ ހިމާންތާ ވިތަނަގެ ބުނީ، އެކްސް-ޕްރެސް ޕާލްގައި، ތަފާތު 46 ބާވަތެއްގެ ކެމިކަލް ހުރި ކަމަށެވެ. ނަމަވެސް، މިވަގުތު އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަނީ ޕްލާސްޓިކް ޕެލެޓްތައް ކަމަށެވެ.

އައްސޭރިފަށުގެ ޗާލޫ ކަމަށް މަޝްހޫރު ނިގެމްބޯގެ ގޮނޑުދޮށްތަކުންވެސް މި ޕްލާސްޓިކް ޕެލެޓްތައް ފެންނައިރު، ނޭވާލާ ނިޒާމުގައި ޕްލާސްޓިކް ޕެލެޓްތައް ތާށިވެ، ބަނޑު ފުފި، މަރުވެފައިވާ މަސްމަހާމެހިވެސް ނިގެމްބޯގެ ގޮނޑުދޮށްތަކަށް ދަނީ ލައްވަމުންނެވެ.

ޕްލާސްޓިކަކީ ނެތި ފަނާވެ ދިއުމަށް 500 އާއި 1000 އަހަރާ ދެމެދު މުއްދަތެއް ނަގާ ބާވަތަކަށް ވާއިރު، އެކްސް-ޕްރެސް ޕާލްއިން ބޭރުވަމުންދާ ޕްލާސްޓިކް ޕެލެޓްތައް، ބޮޑު ސަރަހައްދަކަށް ފެތުރިގެން ދާނެ ކަމަށް ބެލެވެއެވެ. ކަނޑުގެ އޮއެވަރަށް އަންނަ ބަދަލާއެކު، ހާދިސާ ހިނގި ސަރަހައްދާ އެތައް ސަތޭކެ ކިލޯމީޓަރެއް ދުރަށްވެސް މި ޕްލާސްޓިކް ޕެލެޓްތައް ދަތުރު ކުރުން އެކަށީގެންވެއެވެ.

ދިގު ދެމިގެންދާނެ އަނެއް ގެއްލުމަކީ ކެމިކަލުން އުފެއްދޭ ތަޣައްޔަރުކަމުން ކުރިމަތިލާން ޖެހޭ ގެއްލުމެވެ. ބޯޓުގައި ބަރުކޮށްފައިވާ ކެމިކަލްގެ ބާވަތްތަކުގެ ތެރޭގައި ނައިޓްރިކް އެސިޑް، ސޯޑިއަމް ޑައިއޮކްސައިޑް، ކޮޕާ އަދި ލެޑް ހިމެނެއެވެ. ކަނޑުގެ ލޮނުގަނޑުގައި ޖެހުމާއެކު، މި ކެމިކަލްތައް ދަތުރު ކުރަނީ، ކަނޑުގެ ދިރުންތަކުގެ ބަނޑަށެވެ.

ކެމިކަލްގެ އަސަރުކޮށްގެން ކުދި މަސްތައް މަރުވާލެއް އަވަސް ވާނެއެވެ. ނަމަވެސް، ބޮޑެތި މަސްމަހާމެހީގެ ހަށިގަނޑުގައި ނުރައްކާ ދަރަޖައަށް ކެމިކަލް އިތުރުވާން ވަގުތު ނަގާނެއެވެ. މިހާރުވެސް ސްރީލަންކާގެ ގޮނޑުދޮށްތަކަށް ލައްގާ ދިރުންތައް މަދެކޭ ދެންނެވޭކަށް ނެތެވެ. މަރުވެގެން ލައްގާ މި ދިރުންތައް ހުންނަނީ ޒާތެއްގެ ފެހި ކުލައަކަށް ބަދަލުވެފައެވެ. މިއީ ކެމިކަލް ވިހަވުމުގެ އަލާމަތެއް ކަމަށް ބުނެވެއެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ، ފެތެމުންދާ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އީޕީއޭ

ކުރިއަށް އޮތް އަހަރުތަކަށް ބަލާއިރު ކަޅުބިލަމަހެއް ހިފައިގެން ކާ އިރު، އެ މަހަކީވެސް ކެމިކަލް އަސަރު ކޮށްފައި ވާ މަހަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން، ކުރިއަށް އޮތް އެތައް އަހަރަކަށް، ކަނޑުގެ ދިރުންތަކަކީ އިންސާނުން ބޭނުން ކުރަން ހެޔޮ ނުވާ ވަރުގެ އެއްޗަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

މިއީ ސްރީލަންކާގައި ހާދިސާ ހިނގި ސަރަހައްދު، ނުވަތަ ހުޅަނގު އައްސޭރި ފަށުގެ ސަރަހައްދަށް ހާއްސަ ވެފައިވާ މައްސަލައެއް ކަމަށް ދެންނެވޭކަށް ނެތެވެ. އޮސްޓްރޭލިއާގެ ސީސީރޯ އޯޝަންސް އެންޑް އެޓްމޮސްފިއާގެ ބްރީޓާ ޑެނީޒް ހާޑެސްޓީ ވިދާޅުވާ ގޮތުގައި، މިފަދަ ކުނިބުންޏާ ވިހަ މާއްދާ ނުވަތަ ޕްލާސްޓިކަކީ، ގައުމެއްގެ ޖިއޮގްރަފިކް އިމަށް ބަލައިގެން ދަތުރު ކުރާ އެއްޗިއްސެއް ނޫނެވެ. މި ތަކެއްޗަކީ ވަޔާ، ރާޅާއި އޮޔާއެކު އެކި ސަރަހައްދުތަކަށް ބެހިގެންދާނެ އެއްޗިހިތަކެއް ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.