ރާއްޖޭގައި އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓާ ނުކުރާނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.

އެގޮތުން އެ ބިލަކީ އުފަންވުމާއި މަރުވުން ރަޖިސްޓާ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލްގައި ބުނާގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާތާ ހަތް ދުވަސް ތެރޭ ކުއްޖާގެ އުފަންވުން ރަޖިސްޓްރީ ކުރުމަށް ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. އަދި އެކަން އެގޮތައް ކުރުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެ ބިލުގައި ބުނެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.

އަދި ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއްނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެއެވެ.

އެބިލުގައި ވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް ހުށަހަޅަން ވާނެއެވެ.