ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރުމަށް ހުށަހެޅުމާ ގުޅިގެން، އެމައްސަލައިގައި ގޮތެއް ނިންމުމާ ހަމައަށް އޭނާ މަސައްކަތުން އެކަހެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލައިގައި ޔޫތް މިނިސްޓަރުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޕީޖީން ވަކިގޮތެއް ނިންމަން ދެން މަސައްކަތުން އެކަހެރި ވުމަށް ވަނީ އަންގާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެސީސީން މިއަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިރު، އެ ކޮމިޝަނުން ބުނެފައި ވަނީ މަހްލޫފަށް ރިޝްވަތުގެ ފައިސާގެ ގޮތުގައި 33،000 ޑޮލަރު ލިބިފައިވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ވާ ކަމަށެވެ. އަދި އެފައިސާ އަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރު ކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭސީސީއަށް މަހްލޫފް ހުށަހަޅުއްވާފައި އޮތް ނަމަވެސް، ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެފައި ވެއެވެ. އަދި އެއީ ޑޮލަރު ގަނެވިއްކުމަށް ކުރި މުއާމަލާތެއް ކަަމަށާއި އެ ޑޮލަރަށް ވާ ދިވެހި ފައިސާ ދައްކާފައި ވާނެ ކަމަށް ވިދާޅުވެ މަހްލޫފު އޭސީސީއަށް ހުށަހެޅުއްވި ސިޓީއާއި ދެއްވާފައި ވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދެއްވާފައި ވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މިކަމާ ގުޅިގެން މަހްލޫފަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވާފައި ވަނީ، ދެ ކަމެއްގެ މައްޗަށެވެ. އެއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެއްކާއި ގާރީނާއިން އެނގެން އޮތުމުން، ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނު ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނު ނަންބަރު 9/2014 ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާ ކުރުމަށެވެ.