އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކުރަން އޭސީސީން މިއަދު ފޮނުވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ގުޅިގެން ތަހުގީގެއް ކުރަމުންނެވެ. އޭސީސީން ބުނީ، އެ ތަހުގީގަށް ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަހްމަދު މަހުލޫފަށް ލިބިފައިވާ ކަމަށް ފާހަގަ ކުރެވޭތީ ދައުވާ ކުރުމަށް މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނަވައި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމި ހުންނެވުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދެއްވުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހްލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އެ ބިލަށް ވޯޓު ދެއްވާފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސް ކުރުމަށް ކަމަށް ތަހިގީގަށް އެނގިފައި ވެއެވެ. އެސްއޯއެފްގެ ޗެކަކުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ ކަން ވެސް ވަނީ އެނގިފައި ކަަމަށް އޭސީސީން ބުނެއެވެ.
މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
- އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެއްކާއި ގާރީނާއިން އެނގެން އޮތުމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރުމަށް،
- ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާ ކުރުމަށް.
މަޖިލީހުގެ އެ ވޯޓަށް ފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މަހްލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ، އަދީބު ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އޭސީސީއަށް މަހްލޫފް ހުށަހަޅާފައި އޮތް ނަމަވެސް، ތަހުގީގަށް ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެއެވެ. އަދި އެއީ ޑޮލަރު ގަނެވިއްކުމަށް ކުރި މުއާމަލާތެއް ކަަމަށާއި އެ ޑޮލަރަށް ވާ ދިވެހި ފައިސާ ދައްކާފައިވާނެ ކަމަށް ވިދާޅުވެ މަހްލޫފު އޭސީސީއަށް ހުށަހެޅުއްވި ސިޓީއާއި ދެއްވާފައި ޥާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލެއްވުމަށްޓަކައި ދެއްވާފައި ވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގައި މަހްލޫފްގެ އިތުރުން ގ.ހާފްސީ / މާލެ، އަލީ މުބީންގެ މައްޗަށް ވެސް ދައުވާ ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މަހްލޫފް ކުރި ރިޝްވަތުގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ދެއްކުމަށް އޭސީސީ އަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސްއޯއެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް އޭސީސީގެ ތަހުގީގަށް މުބީން ބަޔާން ދީފައި ވުމުންނެވެ. އަދި އެއީ ދޮގު މައުލޫމާތު ދިނުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ތަހުގީގަށް އެނގެން އޮތުމުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާތީ، ގާނޫނު ނަންބަރު 9/2014ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން ދައުވާ ކުރުމަށް ވަނީ ހުށަހަޅާފައެވެ.