ރާއްޖޭން ބޭރު ގައުމެއްގެ ޕޭޖަކުން ދިވެހިންގެ ސަގާފީ ހެދުންތަކުގެ ތެރޭގައި ހިމެނޭ ފޭލީގެ ނަން ބަދަލުކޮށް ވިއްކަން ހުރުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ގްރީސްގެ ޕޭޖެއްގައި ރާއްޖޭގެ ފޭލި އިސްތިހާރުކޮށްފައިވާ ފޮޓޯ ހިއްސާކުރަމުން މީހަކު ޓުވީޓު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތެއްކަމަށްވާ ފޭއްޔަށް "އާރިއަ" ކިޔައިގެން ވިއްކަމުންދާ ކަމަށެވެ. އަދި އެ ޕޭޖު ޓެކްކޮށް ވަނީ އެފޮޓޯ ވަގުތުން ނެގުމަށް ގޮވާލާފައެވެ.

ދިވެހި ފޭއްޔަށް އާރިއާ ނަމުން ނަންދީގެން ވިއްކަމުންދާތީ ރާއްޖޭގެ ގިނަ ބަޔަކު ދަނީ ޓުވިޓާގައި އެކަން ކުރަމުން އަންނަ ޕޭޖަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ. އަދި މިއީ ރާއްޖޭގެ އުފެއްދުމެއް ކަމަށް ބުނެ އެ ޕޯސްޓަށް ކުރަމުން އަންނަ ކޮމެންޓުތައް އެ ޕޭޖުން އަންނީ ފުހެލާ ކޮމެންޓް ކުރާ މީހުން ބްލޮކް ކުރަމުންނެވެ.

އެ ފޮޓޯލަމުން ލިޔެފައިވާ ލިޔުންކޮޅު ބަދަލުކޮށްފައިވީކަމުގައި ވިޔަސް އަދިވެސް އެ ޕޭޖުގައި ފޭލި ވިއްކަން ހުރުމުން ދިވެހިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓުވިޓާ ބޭނުން ކުރާ މީހަކު ޓުވިޓާގައި އެންސީއޭ، މިނިސްޓްރީ އޮފް އާޓް އަދި ހެރިޓެޖް އަދި ޓޫރިޒަމް މިނިސްޓްރީ ޓެގުކޮށް ބުނެފައިވަނީ އަހަރުމެންގެ އެއްޗެއް ކޮޕީކޮށް ނެރެމުން ދިޔުމާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެ ޕޭޖުން ހިއްސާކޮށްފައިވާ ފޮޓޯއަށް ކޮމެންޓު ނުކުރެވޭ ގޮތަށް ހަދައިފައިވާކަމަށާ، އެހެން ނަމަވެސް ރާއްޖޭގެ އުފެއްދުމެއް ކޮޕީކޮށްގެން ވިއްކުން އެއް ގޮތަކަށްވެސް ބަލައި ނުގަނެވޭނެކަމަށް އެހެން މީހަކު ކޮށްފައިވާ ޓުވީޓުގައި ވެއެވެ.

ދިވެހި ފޭއްޔަކީ 1980 ގެ އަހަރުތަކުގައި އޭދަފުށީގައި އުފެއްދި އުފެއްދުމެއްކަމަށް ދިވެހި ރާއްޖޭގެ ސަގާފަތާ ދިވެހި ބަހުގެ ގިނަ ކަންތައްތައް ދިރާސާކުރަމުންދާ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.