މި މަހު ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ, ރައީސް އޮފީހުގައި އޮންލައިންކޮށް މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ މި މަހު ވެކްސިން ލިބޭނެ ކަމުގެ ޔަގީން ކަން އޮތް ނަމަވެސް މި މަހު ލިބެނީ ކޮން ވެކްސިނެއް ކަމެއް އަދި ކިހާ ވެކްސިނެއް ކަން ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިމަހު ލިބޭނެ ކަމުގެ ޔަގީން ކަން ލިބިފައި ވަނީ އެމެރިކާއިން ދޭ ވެކްސިން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ވެކްސިން މި މަހު ލިބޭނެ ކަމަށް ކުރިން ބެލެވުނަސް މިއަދު އެ ކުންފުންޏާ ވާހަކަ ދެއްކުމުން، ވެކްސިން ލިބޭނީ އަންނަ މަހު ކަމަށް މިހާރު ބުނެފައިވާ ކަމަށެވެ. ރަޝިއާގެ ސުޕަޓްނިކް ވެކްސިން ގަތުމުގެ އެއްބަސްވުން އޮތީ ސޮއިކުރާ ހިސާބުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއަށް ލިބުނު ވެކްސިންގެ ތަފްސީލް:

  • ކޮވިޝީލްޑް ވެކްސިން: 2 ލައްކަ ޑޯޒް އިންޑިއާއިން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 12000 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 1 ލައްކަ ޑޯޒް ސަރުކާރުން ގަތީ
  • ސިނޯފާމް ވެކްސިން: 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކުރި
  • ފައިޒާ ވެކްސިން: 5850 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި

ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދުވެ މިހާރު ވަނީ ކޮވިޝީލްޑް ވެކްސިން އާންމުންނަށް ޖެހުން ހުއްޓާލާފައެވެ.

ރާއްޖޭގައި ވެކްސިނަށް ޖެހިފައި ވާ އިރު، ރާއްޖެއިން ވަނީ ޖުމްލަ 1،000،000 ޑޯޒު ވެކްސިން ގެންނަން ފައިސާ ދައްކާފައެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މި ވެކްސިންތަަކުގެ ތެރެއިން އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް މިނިސްޓަރު ނަސީމް ވަނީ ވިދާލުވެފައެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ހާމައެއް ނުކުރައްވައެވެ.