ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން ރައްޔިތުން މަޖިލީހުން ހިންގާ އިންކުއަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާ ކަމަށް ގައުމީ ސަލާމަތީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިގޮތަށް ވިދާޅުވެފައިވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުރަސްއަޅާފައިވާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވަނިކޮށެވެ.

މި މައްސަލަ ހޫނުވެފައިވަނިކޮށް މަޖިލީހުގެ 241 ކޮމިޓީން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ މެންބަރު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ހުރަސްއެޅުމަށް ސަރުކާރުން އަދި ރައީސް އެއްވެސްކަމެއް ކުރައްވާފައި ނުވާ ކަމަށާ އެފަދަ ކަމެއް ހިނގާ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކާ އަދި ހުރިހާ ފަރާތްތަކުންވެސް މި އިންކުއަރީއަށް މައުލޫމާތު ދިނުމުގައި ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ފުލުހުންނާއި ސިފައިން، ހުރިހާ ސުވާލަކަށްވެސް ޖަވާބުދީ ކޮމިޓީގެ މަސައްކަތައް އެއްބާރުލުން ދޭ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ހުރަސް އަޅަނީ ސީދާ ރައިސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ.