ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 5 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފަސް ވަނަ މީހާ ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދާ ހައްޔަރުކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އަޅުގަނޑުމެންނަށް މިއަދުގެ މިވަގުތުގައި ދަންނަވާލަން އެނގޭ އެ އޮޕަރޭޝަން ތެރެއިން ހައްޔަރުކުރެވުނު ފަރާތެއް ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާއި ސީދާ ގުޅުންހުރި ކަމަށް ބެލެވޭ
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު

އެ މީހަކު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބަޝީރު ވިދާޅުވިއެވެ. ހައްޔަރުކުރި 5 ވަނަ މީހާގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މިއަދަށް މަހެއް ވީއިރު، މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން ހައްޔަރު ކުރި ހަތަރު މީހުންނަކީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ. ކަމަށެވެ.