ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މިއަދަށް މަހެއް ވީއިރު، ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުން ބުނެފައިވަނީ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު 1:30 ގައި ކަމަށެވެ.

މިމައްސަލައިގައި ފުލުހުން އެންމެ ފަހުން ނޫސްވެރިންނާއި މައުލޫމާތު ހިއްސާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ 08:30 ހާއިރު އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެއިން ނިކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވައިލައިގެންނެވެ.

މި މައްސަލައިގެ ތަހުގީގު ލަސްވުމާ ގުޅިގެން ނަޝީދު އާއިލާއިންނާއި ސަޕޯޓަރުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވިދާޅުވީ ތަހުގީގު ފުރިހަމައަށް ކުރިޔަށްދާކަމަށާއި، ހަމަލާގެ ތަހުގީގު ފެށުނު ހިސާބުން 450 އެއްހާ ފުލުސް އޮފިސަރުން މައްސަލައިގެ ތަހުގީގުގައި ބައިވެރިވަމުން ދިޔަ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މައްސަލައަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކޮމިޓީއެއް އެކުލަވާލައި، ބޭރުގެ ތަޖުރިބާކާރެއްގެ ފާރަވެރިކަމުގެ ދަށުން މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދާ ކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ. އިމްރާނު އިތުރަށް ވިދާލުވެފައިވަނީ މައްސަލަ ކުރިޔަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާ، ނަމަވެސް ތަހުގީގުގެ ސްޕީޑް އެންމެ އެދެވޭ ބާރުމިނުގައި ދާނެކަމަށް ވިދާޅު ނުވެވޭނެ ކަމަށެވެ.

މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 4 މީހުން: ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި މއ. ފޭރުގޭ، މުޖާޒް އަހުމަދު، 21 އެވެ.

މި 4 މީހުންގެ ތެރެއިން ގޮއްވާލި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރި މީހާއަކީ ތަހުމީނުކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލު އެތަނުގައި ބެހެއްޓި މީހާކަމަށް ބެލެވެނީ ފާތިހު ކަމަށާއި އައިއީޑީ ގޮއްވައިލިކަމަށް ތުހުމަތު ކުރެވެނީ އަދުހަމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފާތިހު އަކީ މީގެ 6 މަސްކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ފުލުހުން އަންނަނީ ނަޝީދަށް ދިން ހަމަލާއާ ހަރުކަށި ފިކުރާ ގުޅުމެއްވޭތޯ ބަލަމުންނެވެ. އެގޮތުން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު 14 މީހުން ހައްޔަރުކޮށްފައިވާއިރު 9 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫގައި ހިންގި އޮޕަރޭޝަންތަކަކުންނެވެ. އަދި މާލެއިން 5 ތަނެއް ފުލުހުން ބަލައި ފާސްކޮށް އެ ތަންތަނުން ހަރުކަށި ފިކުރާ ގުޅޭ ލިޔެކިޔުމާއި ޑިޖިޓަލް ބައެއް އާލަތްތައްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑުކޮށް އަޑީގައި ތިބި މީހުން ހޯދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައެވެ.