އިންޑިއާ ކޮންސުލޭޓް އައްޑޫގައި ގާއިމުކުރުމުން އައްޑޫއަށްވެސް އަދި ރާއްޖެއަށްވެސް ލިބެން އޮތީ ފައިދާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ އައްޑޫގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ގާއިމު ކުރުމަށް އެގައުމުގެ ޔޫނިއަން ކެބިނެޓުން ފާސްކުރުމާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އައްޑުއަށް ނިސްބަތްވާ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރާ ވަގުތެއްގައެވެ.

އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް، އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް، އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ގައިމު ކުރުމުން ލިބެން އޮތީ ފައިދާ
ރައީސް ނަޝީދު

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އަދި އާންމު ބައެއް މެންބަރުން އަންނަނީ އައްޑޫގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހެދުމަށް ރައީސް ނަޝީދެކޭ އެއްގޮތަށް ތާއީދު ކުރަމުންނެވެ.

ކޮންސުލޭޓެ ރަނގަޅުވެގެން ވާހަކަ ދައްކާ މީހުން ބުނަނީ، އެކަމުގެ ސަބަބުން އައްޑުއަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމަށެވެ. ވިޔަފާރީގެ ފުރުސަތުތަކާއި އުމްރާނީ އެތައް ކަމަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އައްޑޫގައި ކޮންސުލޭޓް އޮފީހެއް ގާއިމުކުރާތީ ކަންބޮޑުވުން ފާޅު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޕްރޮފެސާ ހަސަން އުގައިލްއާއި، އެމްއެންޑީއެފްގައި ކުރިން އުޅުއްވާފައިވާ ކެޕްޓަން އަލީ އިހުސާނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން އިދިކޮޅު ޕީޕީއެމް އިންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅުން ބުނެފައިވަނީ އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާ އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތާމެދު ކަންބޮޑުވާކަމަށެވެ.

އަދި ކޮންސުލޭޓް އޮފީހަކީ އައްޑޫއަށް ތަރައްގީ ގެންނާނެ ތަނެއް ނޫން ކަމަށާއި، ކޮންސުލޭޓުތަކުން ކުރާ މަސައްކަތަކީ، އެ ކޮންސުލޭޓެއް ނިސްބަތްވާ ގައުމުގެ މީހުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.