އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ލިޔެވިފައިވާ ތާރީހަށް ބެލި ކަމުގައި ވީ ނަމަވެސް އެތައް އަހަރަކަށް ދެމިގެންދާ، ބަދަހި ގުޅުމެކެވެ. ރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ކަމެއްގައި އިންޑިއާއިން އެހީގެ އަތް ދިއްކޮށްލާ ފަދައިން، ދިވެހިރާއްޖެއަށްވެސް ވެވުނު ގޮތަކުން އިންޑިއާއަށް ހާއްސަ އަހައްމިއްޔަތު ކަމެއް ބައިނަލްއަގުވާމީ މައިދާންތަކުގައި ދޭ ކަމީ، ފެންނަން އޮތް ހަގީގަތެކެވެ.

ޑިމޮކްރަސީގެ ފަތިހަކަށް އަލިވިލި، ޖަޒީރާ ރާއްޖޭގެ ބަނދަރަށް، ގައުމުގެ ނައު މިސްރާބު ޖަހާފައި ވާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއިން، މި ފަހަކަށް އައިސް، 3 ގޮތަކަށް ރާއްޖޭގައި ފިޔަވަޅުތިލަ ވަރުގަދަ ކޮށްފައި ވާ ކަމަށް، ސްރީލަންކާގައި މަސައްކަތް ކުރަމުން އަންނަ، އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިޔާ، ޕީކޭ ބާލަޗަންދްރަން ތުހުމަތު ކުރެއެވެ.

ބާލަޗަންދްރަން ތުހުމަތު ކުރާ ގޮތުގައި، ކުރިއަށް އޮތް، އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކަށަވަރު ކުރެއްވުމުގެ މައިގަނޑު ބާރަކަށްވެސް ވެފައި އޮތީ މިކަންކަމެވެ. ޝާހިދުގެ ޗެފް ޑި ކެބިނެޓްގެ މާގަމަށް، އިންޑިއާގެ ޑިޕްލޮމެޓް، ކޭ ނާގަރާޖު ނައިޑޫ އައްޔަން ކުރެއްވުމުގެ ސިއްރަކީވެސް މިއީ ކަމަށް ބާލަޗަންދްރަން ބުނެއެވެ. ދެން އޮތީ، މިހާރު އެންމެ އަޑު ހަރުކޮށް އެ ވާހަކައެއް ދެކެވެމުން އަންނަ، އިންޑިއާ ކޮންސިއުލޭޓްގެ ވާހަކައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވުމާއި އެކު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނަށް މަރުހާބާ ދަންނަވަނީ / ފޮޓޯ: ފޮރިން މިނިސްޓަރު

ރާއްޖޭގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅު ވަނީ، "ސޭވްއައްޑޫ" ގެ ނަމުގައި، ކޮންސިއުލޭޓް މަޝްރޫއާ ދެކޮޅަށް ހިންގާ ކެމްޕޭންގެ ސަބަބުން ކަމަށްވެސް ނޫސްވެރިޔާ ތުހުމަތު ކުރެއެވެ.

ނަމަވެސް، އިންޑިއާގެ ކޮންސިއުލޭޓެއް، ރާއްޖޭގައި ނުހުޅުވާ ފަރު ނުޖެހޭނެ ކަމަށް ބާލަޗަންދްރަން ގޮންޖަހައެވެ. ސަބަބެއް ކަމަށް ބުނަނީ، ރައީސް ސޯލިހުގެ ސަރުކާރުގެ މައްޗަށް، އިންޑިއާއިން ފޯރުވަމުންދާ މާލީ ނުފޫޒެވެ. ދައުލަތުގެ ގިނަ މަޝްރޫއުތަކަކަށް އިންޑިއާއިން ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކޮށްފައި ވާއިރު، މަގުސަދަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޒައާމަތުގައި ޗައިނާއިން ފޯރުވި ނުފޫޒު ކަނޑުވާލާ، އިންޑިއާއަށް ފުރިހަމަ ކޮންޓްރޯލް ނެގުން ކަމަށް ބާލަޗަންދްރަން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފޮޓޯ: ދަ ޕްރެސް

އިންޑިއާއިން ދޫކުރާ އިގުތިސޯދީ ފިޔަވަޅުތިލަ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ވިދިގެން، އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުން، އާ ހަރުފަތަކަށް ޖެހިލިކަމީ، އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ވަކިން ހާއްސަކޮށް، އިގުތިސޯދީ ކަންކަމުގައި އިންޑިއާގެ ނިޝާން ވަރުގަދައެވެ. ކުޅިވަރާ ހިސާބުން ފެށިގެން ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށްވެސް އިންޑިއާއިން ބޮޑެތޮ ހޭދަތަކެއް ކުރެއެވެ. ކްރެޑިޓް ލައިން އުސޫލުން ދޭ މި އެހީތައް، ގިނަ ފަހަރު ވެފައި އޮންނަނީ ލޯނަކަށެވެ. އެކި ގޮތް ގޮތުން އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުގެ އަގު، 3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް، މޯލްޑިވްސް ފައިނޭންޝަލް ރިވިއުއާ ހަވާލާދީ ބާލަޗަންދްރަން ބުނެފައިވެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރު

ދެން އޮތީ އަސްކަރީ ގުޅުންތަކުގެ ވާހަކައެވެ. ހެލިކޮޕްޓަރުތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ތަފްސީލަށް ދާކަށް ނެތީމެވެ. މީގެ އިތުރުން، ދިވެހިރާއްޖެއިން ވަނީ އިންޑިއާގެ ރޭޑާ ސިސްޓަމް މަޝްރޫއެއް، ދިވެހިރާއްޖޭގައި ހިންގުމުގެ އިޒުނަ ދީފައި ކަމަށާ، މިކަން ކޮށްފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ސާވޭލަންސް މަޝްރޫއުގެ ނަމުގައި ކަމަށް ބާލަޗަންދްރަން ބުނެއެވެ. އެއާ ވިދިގެން އުތުރުތިލަ ފަޅުގައި ތަރައްގީ ކުރާ، އަސްކަރީ ޑޮކްޔާޑުގެ ވާހަކަވެސް އޮއްބާލެވޭކަށް ނެތެވެ.

ކޮންސިއުލޭޓާ ގުޅޭ 2 ނަޒަރިއްޔާ

ދިވެހިރާއްޖޭގެ އެންމެ އުތުރުން އޮތް އެންމެ ވަރުގަދަ އެއް ސިޓީ ކަމަށްވާ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް ތާއީދު ކުރާ މީހުންވެސް މަދެއް ނޫނެވެ. ތާއީދުގެ ހުއްޖަތެއް ކަމުގައި ބުނަނީ، ވިސާ ޖެހުން ފަދަ ކަމަކަށް، 535 ކިލޯމީޓަރުގެ ދިގު ދަތުރެއް ކޮށް، މާލެ އަންނަންޖެހޭ ޖެހުމަށް ލުއި ލިބޭނެ ކަމަށެވެ. ދިވެހިންނަކީ މަތީ ތައުލީމު ހާސިލު ކުރުމާއި ބޭސްފަރުވާ ކުރުން ފަދަ ކަންކަމަށް، އިންތިހާ ގިނައިން އިންޑިއާއަށް ދަތުރުކޮށް އުޅޭ ބައެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން އެކަނިވެސް، މި ދެންނެވި 2 ބޭނުމަށް، ދިވެހިންނަށް، އިންޑިއާއިން 8000 އެއްހާ ވިސާ ސިއްކަ ދޫކޮށްފައި ވާ ކަމަށް ދަ ހިންދޫއާ ހަވާލާދީ ބާލަޗަންދްރަން ބުނެއެވެ.

އިންޑިއާއަށް ދާން މެޑިކަލް ވިސާ ހޯދުމަށް ކިއު ހަދައިގެން ތިބި ދިވެހިން

ކަން މިހެން އޮތް އިރު، އަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް އައްޑޫ-އިންޑިއާ ކޮންސިއުލޭޓް ސިފަވަނީ، އިންޑިއާގެ އަސްކަރީ ބޭހެއްގެ ގޮތުގައެވެ. ހުއްޖަތަކަށް ހަދަނީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސި ސިފައިން ކަން ކުރި ގޮތް ކަމަށް ބާލަޗަންދްރަން ބުނެއެވެ.

އައްޑޫގެ އިސްތިރާޖީ މުހިންމުކަން

ދެކުނު އޭޝިއާގެ މަސްރަހާ ބެހޭ ކަންކަން ކަވަރު ކުރުމުގައި 21 އަހަރު ހޭދަ ކޮށްފައިވާ ބާލަޗަންދްރަން ވަކާލާތު ކުރާ ގޮތުގައި، އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް ހުޅުވުމުގެ ފަހަތުގައި، ވިސާ ނޫން، އިސްތިރާޖީ ޝައުގެއް އިތުން އެކަށީގެންވެއެވެ. އެއް ސަބަބެއް ކަމަށް އޭނާ ބުނަނީ، ޖިއޮގްރަފީ ގޮތުން އިންޑިއާއާއި ރާއްޖެ އޮތް ކައިރިކަމެވެ. އަނެއް ސަބަބަކީ، ވިޔަފާރިގެ އިސްތިރާޖީ މައި މަގު ކަމަށްވާ "ވަން އެންޑް ހާފް ޑިގްރީ ޗެނަލް"އެވެ.

އައްޑޫ އަތޮޅު ގަމަކީ، އިސްތިރާޖީ ގޮތުން އިންޑިއާ ކަނޑަށް މުހިންމު މަންޒިލެކެވެ. ދެވަނަ ބޮޑު ހަނގުރާމައަށް، އިނގިރޭސިން އެ ރަށުގައި ވައިގެ އަސްކަރީ ބޭހެއް އެޅުމަކީ، ހުއްޖަތެއް ކަމަށް ބާލަޗަންދްރަން ބުނެއެވެ. އިންޑިއާ ކަނޑުގައި އިނގިރޭސިންނަށް އޭރު އޮތް އެންމެ މުހިންމު އައުޓްޕޯސްޓަކީ ގަން އެއާ ބޭސް ކަމަށް ބުނެވެއެވެ.

އައްޑޫސިޓީ މީދޫ ބަނދަރު

އެމެރިކާ ވައްޓާލުމަށްފަހު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު އަތުލުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ހީނަރުކަމެއް ނާދެއެވެ. ތަރައްގީގެ ނަމުގައި ހިންގާ އެކިއެކި މަޝްރޫއުތަކުން، ޗައިނާއިން ދަނީ މުޅި ދުނިޔެ، އެ ގައުމުގެ މުށު ތެރެއަށް ލާން މަސައްކަތް ކުރަމުންނެވެ. އުސް އިމާރާތްތަކާ، މަގު ފާލަންތަކުގެ ދަޅައިން ގައުމުތައް ދަރަނި ދަންތުރައިގައި ޖައްސަމުންނެވެ.

މި ކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މިހަރު ހަރަކާތްތެރިވާ އެއް އިއްތިހާދަކީ، އިންޑިއާވެސް އެކަމެއްގައި ޝާމިލުވާ "ކުއަޑް"އެވެ. އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާވެސް ބައިވެރިވާ ކުއަޑްއަށް، ދިވެހިރާއްޖެ މުހިންމުވެއެވެ. ސަރަހައްދީ ފެންވަރުގެ އިތުރުން، ބައިނަލްއަގުވާމީ ސުޕާޕަވަރުންގެ ބާރުވެރިކަން ނެގެހެއްޓުމަށް ކުރާ މަސައްކަތުގައިވެސް، ދިވެހިރާއްޖޭގެ އިސްތިރާޖީ ހައިސިއްޔަތު އޮއްބާލެވޭކަށް ނެތެވެ.