ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕީ ހަމީދަކީ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީއަށް އެންމެ ފުރަތަމަ ހާޒިރު ކުރާ ފަރާތް ކަމަށެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ހާޒިރުވުމަށް ސީޕީ ހަމީދު ހިމެނޭހެން އިތުރު ފުލުހުންނަށް ވެސް ވަނީ ނޯޓިސް ދީފައެވެ.

ފުލުހުންގެ މުއައްސަސާއިން ވަނީ ކޮމިޓީން އެދޭ ވަކިވަކި ފުލުހުން ވެސް ހާޒިރު ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފައެވެ.

ޖަރުމަނުން ބޭސްފަރުވާ ކުރައްވަމުން ގެންދަވާ ނަޝީދު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އަދި ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީހެއް ނޭނގެއެވެ.

އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައިވާ އިރު، އަދި ވެސް ޗެކްއަޕް ހަދަން ހޮސްޕިޓަަލަށް ވަޑައިގަންނަވަން ޖެހޭތީ މަހެއްހާ ދުވަހު ޖަރުމަނުގައި މަޑުކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.