ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، މިއީ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލު ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ހަލާކުވަމުންދާ މާހައުލީ ނިޒާމު އިއާދަކުރުމަށްޓަކާ، މިއަދު މިތިބަ ހާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ދިވެހިންގެ އަތްތަކުން ދިން ގެއްލުންތަކުގައި ހަލާކުވެފައިވާ، ކުޅިތަކާއި، ފާތަކާއި، ޗަސްބިންތަކާއި، ފަރުތަކާއި ގޮނޑުދޮށްތައް، އޭގެ ޠަބީއީ ހާލަތަށް އިއާދަކޮށްދެވޭތޯ ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދިރިއުޅުމާގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ގުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާ އެކު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ،

ރައީސް ވިދާޅުވީ މިރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކުރުމުގެ ގޮތުން، ރާއްޖޭގެ ފަރުތަކުގެ 13 ޕަސަންޓް ހިމެނޭ ގޮތަށް، 73 ސަރަހައްދެއް މިހާރު ހިމާޔަތްކޮށްފައިވާ ކަމަށެވެ. އަދި، ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ލަގަބު، ދިވެހިރާއްޖޭގެ 3 އަތޮޅަކަށް މިހާރު ލިބިފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އެއީ ބ. އަތޮޅާއި ފުވައްމުލައް އަދި އައްޑުއެވެ.

ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ، އެންމެ ކުޑަވެގެން 20 ޕަސަންޓް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 ޕަސަންޓް ހިމާޔަތްކުރުމުގެ ބައިނަލްއަގްވާމީ މަސައްކަތުގައި ވެސް ރާއްޖެ ބައިވެރިވެފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިގްތިސާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.