އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ މިމަހު 1 ވަނަ ދުވަހު ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދު މަރުވި މައްސަލާގައި ހެލްތު މިނިސްޓްރީން އެ މައްސަލަ ތަހުގީގުކޮށް ރޭ ނެރުނު ރިޕޯޓުގައެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ޑޮކްޓަރަށް ދައްކާ، އައުޓް ޕޭޝަންޓު ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ ސަރަހައްދުގައި ހަމަޖައްސާ އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި މި ތަންތަނަށް ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކަށް “ވޯކް އިން” ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައިވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު އެމަޖެންސީ ހާލަތެއްގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތް ދޭ އެއްވެސް ތަނަކަށް ގުޅައިފި ނަމަ، އެތަނަކުން މީހެއް ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅާ އެކަން ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ހަމައެހެންމެ އީއެމްއެސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސާ، އެ ހިދުމަތް ފެށުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްއީއޯސީގެ މެޑިކަލް ރެސްޕޯންސް މިހާރު ހިނގަމުންދާ ގޮތަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. އެބަދަލުތަކަކީ:

  • ކޯލް ސެންޓަރަށް އަންނަ އެމަޖެންސީ ކޯލްތަކަށް އަވަސްމިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން
  • ކޯލް ސެންޓަރަށް އަންނަ އެމަޖެންސީ ކޯލްތައް ރަނގަޅށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން
  • އެމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓުކުރަންޖެހޭ ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސް އަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑު ވެވޭނެ އިންތިޒާމް ހަމަޖެއްސުން
  • މަދު ވަގުތު ކޮޅެއްގެތެރޭގައި އެމަޖެންސީ ކޭސް އަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުން
  • އިމަޖެންސީ ކޭސް އަކާ ގުޅޭ މައުލޫމާތު ޑީއެމްއާރްޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، އެ ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑު ވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • އެމަޖެންސީ ކޭސްތަކުގައި ޑީއެމްއާރްޓީ އިން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • މިކަމަށް ހާއްސަކޮށްފައިވާ އައުޓްބްރޭކް (އޯބީ) ސިސްޓަމް ހުރިހާ ކްލަސްޓާތަކުން، ގަވާއިދުން ބޭނުންކުރަމުންދާކަން ކަށަވަރުކޮށް، ސިސްޓަމް މައްސަލައެއް ޖެހިއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ ގޮތް ހެދުން

ހެލްތް މިނިސްޓްރީން ވަނީ އެ ރިވިއުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.