ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމަށް ކައުންސިލުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅީ ސަރުކާރުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކު އެހެން ވިދާޅުވީ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނދިވަޅެއްގައެވެ.

އެގޮތުން މަބްރޫކު ވިދާޅުވީ ކައުސިލްތަކުގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށް ގާނޫނުގައި މިހާރު ލިޔެފައިވާ އެވަނީ މި ސަރުކާރުން ގެނައި މުހިންމު އިސްލާހަކާ އެކު ކަމަށެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުން ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މިވަގުތު މަޝްވަރާ ކުރާ އިސްލާހަކީ ސަރުކާރުން ހުށަހެޅި އިސްލާހެއް ނޫން
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު

ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތް ހަދަން އިސްލާހު ހުށަހަޅާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ކައުންސިލްތަކުގެ ލަފާއާ ނުލައި، ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާގޮތަށް، ބަދަލުކުރަން އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ދެ ގާނޫނަކަށެވެ. އެއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާއި ސިވިލް ސާވިސްގެ ގާނޫނަށެވެ.

ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.