ނ. ހެނބަދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

މި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިންނެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މިވަގުތު ކުރިޔަށްދާ މަސައްކަތަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާ އަދި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުން ހިމެނެއެވެ. އަދި ފެން އުފެއްދުމަށް ޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުމުގެ މަސައްކަތްވެސް ކުރިޔަށްދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރިކަމާއެކު ބޯފެން ފޯރުކޮށް ދެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 41،369،972 ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތަކީ 15 މަސްދުވަހެވެ.