ގިނަ އަދަދަކަށް ކެމިކަލް ބަރުކޮށްގެން، އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް ރޯވެފައިވާ މުދާ އުފުލާ ބޯޓު، އެކްސް-ޕްރެސް ޕާލް ފެތެން ފަށާފައި ވާ އިރު، ތިމާވެށި ނުރައްކާތެރި ކާރިސާއަކެއްގެ ރަނގަބީލު އަޅަން ފަށައިފިއެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓުގައި ރޯވި އަލިފާންގަނޑު، 2 ހަފުތާއެއްހާ ދުވަހަށް ދެމިގެން ދިޔައިރު، މި އަލިފާންގަނޑު ނިއްވާލެވުނީ މި ހަފުތާ ތެރޭގައެވެ.

މި ބޯޓުގެ ތެޔޮ ޓޭންކުތަކުގައި އެތައް ސަތޭކަ ޓަނެއްގެ ތެޔޮ ހުރިއިރު، މިތަކެތި ކަނޑަށް ބޭރުވެ، ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ އިތުރުން، ބޯޓު ހަލާކުވެ، ކަނޑަށް ފެތުނަ ނުދީ ހިފެހެއްޓުމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއާއެކު އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ނަމަވެސް ޕޯޓް އޮފް ކޮލަމްބޯގެ ބޭރުން އޮންނަ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ދިޔަ މި އޮޕަރޭޝަނަށް، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން، ނޭދެވޭ އަސަރުތަކެއް ފޯރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ، ފެތެމުންދާ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އީޕީއޭ

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު، ކެޕްޓަން އިންދިކާ ސިލްވާ ވިދާޅުވީ ބޯޓު ފުން ކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ، ބޯޓު ފެތުމުގެ ކުރިން، ކަނޑުގެ ފުން ސަރަހައްދަކަށް އެ ބޯޓު ގެންދިއުމަށް ކަމަށެވެ. އެއީ ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިމާވެށީގެ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ އަޖާންތާ ޕެރޭރާ ވިދާޅުވީ، ބޯޓު އަޑިއަށް ދިއުމަކީ ތިމާވެއްޓަށް ނުރައްކާ މަސްރަހަކަށް ވާނެ ކަމަށެވެ. ބޯޓުގައި ބަރުކޮށްފައިވާ ނުރައްކާ ތެރި ނައިޓްރިކް އެސިޑް ފަދަ ކާގޯއާއި ބޯޓުގައި ހުރި ތެލުގެ ސަބަބުން ނުރައްކާ ބޮޑު ކަމަށާ، ބޯޓު ފެތޭނަމަ ކަނޑު އަޑީގެ ދިރުންތައް މުޅިން ނެތި ދާނެ ކަމަށްވެސް ޑރ ޕެރޭރާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ އައްސޭރިފަށުގެ މަންޒިލްތަކުގެ ތެރެއިން އާދަޔާ ހިލާފު ރީތި ގޮނޑުދޮށްތަކަކަށް މަޝްހޫރު ވެފައިވާ ނިގެމްބޯގެ ގޮނޑުދޮށް މިހާރުވެސް ވަނީ ތެލުގެ އިތުރުން ބޯޓު ބޭރުވާ ކުނިބުނިން ތަގައްޔަރުވެފައެވެ. ކަންމިހެން އޮތް އިރި، ނިގެމްބޯއާއި ވަށައިގެންވާ ޕަނަދޫރާ ސަރަހައްދުގައި މަސްވެރިކަން ކޮށް އުޅުންވެސް ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. މިއާއެކު، ގިނަ ބަޔަކަށް ވަނީ އާމްދަނީ ލިބޭނެ މަގުތައް ބަންދު ވެފައެވެ.

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ރޯވެ، ފެތެމުންދާ ސިންގަޕޫރުގެ އެކްސް-ޕްރެސް ޕާލް ކާގޯ ބޯޓު / ފޮޓޯ: އެއާފޯސް މީޑިއާ

ދަނޑުވެރިކަމަށް ބޭނުންވާ ގަހު ކާނާގެ އިތުރުން ގޮވާތަކެތި އުފައްދަންވެސް ބޭނުން ކުރާ ނައިޓްރިކް އެސިޑް ގިނަ އަދަދަކަށް ހުރި ބޯޓުގައި ރޯވެފައި ވަނީ، ނައިޓްރިކް އެސިޑް ލީކުވެގެން ކަމަށް އޮފިޝަލުން ގަބޫލުކުރައްވައެވެ. އަދި މެއި 11 ވަނަ ދުވަހުން ފަށައިގެން، ބޯޓުގެ ކުރޫއަށްވެސް އެކަން އެނގޭކަމަށް އޮފިޝަލުން ގަބޫލު ކުރައްވައެވެ.

އެކްސް-ޕްރެސް ޝިޕިންގްއިން ވަނީ ކުރޫއަށް އެކަން އެނގޭކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން، އެތަނުގައި ބޯޓު ބޭއްވުމަށް އިންޑިއާއާއި ގަތަރުންވެސް ހުއްދަ ދީފައި ނުވާކަމަށް އެކުންފުނިން ބުނެއެވެ. ދެ ގައުމަކުން އިންކާރު ކޮށްފައި ވަނިކޮށް، ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ބޯޓު ދަތުރު ކުރުމަށް ހުއްދަ ދިން މައްސަލާގައި، އާންމުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.

ބޯޓުގެ ކުރޫއިން މިދިޔަ ހަފުތާގައި ސަލާމަތް ކޮށްފައި ވާއިރު، ލަންކާގެ އޮފިޝަލުން ވަނީ ބޯޓުގެ ކެޕްޓަނާ ދެކޮޅަށް ފުލުހުންގެ އިދާރާއަށް މައްސަލައެއް ވައްދާފައެވެ. އަންގާރަ ދުވަހުވެސް 14 ގަޑިއިރު ވަންދެން ކެޕްޓަނާއި އިންޖިނޭރާ ސުވާލު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

186 މީޓަރު ދިގު މި ބޯޓު، އިންޑިއާގެ ހާޒިރާ ޕޯޓުން ފުރީ މެއި 15 ވަނަ ދުވަހުއެވެ.