500،000 ޑޯޒް ރަޝިއާ ވެކްސިން އާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަ އެއް ކަމަށާއި ހުށަހެޅީ ފޭކް ލިޔުންތަކެއް ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް އެހެން ވިދާޅުވި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުނެވެ.

އެގޮތުން ނަސީމް ވިދާޅުވީ ސްޕަޓްނިކް ވެކްސިން ހިލޭ ލިބޭނެ ކަމަށް ބުނާ ލިޔުންތަކެއް ލިބިވަޑައިގެންނެވި ކަމަށާއި، އެއީ ސައްހަ ލިޔުންތަކެއް ނޫންކަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބެލުމުން ރަޝިޔާ ސަރުކާރުން ކަށަވަރު ކޮށްދިން ކަމަށެވެ.

ފޮނުވިއިރު އޭގެ ރިޕޯޓެއް ލިބިފަ އެބައޮތް، އޭގަ މިއޮންނަނީ އެއާ ބެހޭގޮތުން މިވާގޮތަކީ ފޮރިން މިނިސްޓްރީން އެކަންތައް ބެއްލެވިއިރު އެއީ ފޭކު ޑޮކިޔުމެންޓަކަށް މިވަނީ. ރަޝިއާގެ ކަމާބެހޭ ފަރާތުން މިވިދާޅުވަނީ އެއީ ފޭކު ޑޮކިޔުމެންޓެކޭ
ކެރަފާ ނަސީމް

ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް އަޑުތައް ވަނީ އަރާފައެވެ. އަދި އެވާހަކަތައް "މިހާރު" ނޫހުގައި ޖަހާފައި ވާ އިރު އެއީ ރާއްޖޭގެ މުއްސަނދި ރިސޯޓަކުން ސަރުކާރަށް ހުށަހެޅި ހުށަހެޅުމެއްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އަދި އެ ކުންފުނިން ސަރުކާރަށް ހުށަހެޅި ލިޔުންތަކާ ގުޅޭ ޖަވާބު އިއްޔެ އެ ކުންފުންޏަށް ދީފައި ވާކަންވެސް ވަނީ އެނގިފައެވެ.

ރާއްޖޭގައި ސްޕަޓްނިކް ވީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފަވަނީ މިދިޔަ މަހު 12 ގައެވެ.