ކޮވިޑް-19ގައި ރޭ މަރުވި 10 އަހަރުގެ ކުއްޖާގެ މަރުގެ ތަހުގީގު މިރޭ ނިމޭނެ ކަމަށް ހެލްތް މިނިސްޓާ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ މިޝްކާގެ ކޭސް ތަހުގީގު ކުރަމުންދާ ކަމަށާއި މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށެވެ.

އަދި އިހުމާލުވީ ކޮންބައެއްކަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށާއި ތަހުގީގު ނިންމާ، އަޅާ ފިޔަވަޅެއް އާންމު ކުރައްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ މިޝްކާގެ މަރުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިޝްކާ މަރުވެފައިވަނީ ފިޓް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:10 ހާއިރުއެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.