10 އަހަރުގެ ކުޑަކުއްޖާ ނިޔާވުމުގެ މައްސަލަ ބަލާއިރު މިނިސްޓަރު އަހުމަދު ނަސީމްގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނަސީމް އެހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިހިނގާ ކަންތައްތަކަށް ބަލާ މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ވިސްނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ނަސީމް ވިދާޅުވީ އެ މައްސަަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަމުގައި މިނިސްޓަރުގެ އިހުމާލެއް ވެފައިވޭތޯ ބެލުމަށް ފަހު، އެ ސުވާލަށް ޖަވާބު ދެއްވާނެ ކަަމަށެވެ.

އަޅުގަނޑު ކަންތައްތައް ބަލަމުން މިހާރު މި ގެންދަނީ، އޭގެ ރިޕޯޓު ތަކަށް ބަލާފައި، އޭގައި، ސީދާ އަޅުގަނޑުގެ އިހުމާލެއް ވޭތޯވެސް ބަލާނަން،، ބަލާފައި ތި ވިދާޅުވި ސުވާލަށް އަޅުގަނޑު ޖަވާބެއް އަރުވާނަން
ކެރަފާ ނަސީމް

ފިޓް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ލާޖަހާގެ / ހދ. ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސަކަށް އެދުނުތާ 3 ގަޑިއެއްހާއިރު ފަހުންނެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ހެލްތު މިނިސްޓްރީ، އެޗްޕީއޭ އަދި ހެލްތު މިނިސްޓަރަށް އަމާޒުވެފައި ވާއިރު މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވުމަށް އާންމުން އަންނަނީ ގޮވާލަމުންނެވެ.