ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން ބުނީ ފެބްރުއަރީ 18، 2021 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް އެމައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ މެއި 30، 2021 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 43 ވަނަ ބައްދަލުވުމުގައި ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ހުޒައިފާއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސުލޫކީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާގޮތުން ހުޒައިފާ އާ ގުޅޭ ގޮތުން ބެލީ، ފެމިލީ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި އެ މުވައްޒަފުގެ މައްސަލަ ބަލަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެން އެ މުވައްޒަފު ޖޭއެސްސީއަށް ހުށަހެޅި މައްސަލައެކެވެ.

ހުޒައިފާ އަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކޯޓުގައި އުފައްދާފައި އޮންނަ ކޮމިޓީގައި އިންނަވާ އެ ކޮމިޓީގެ ޗެއާމަނެވެ.

ހުޒައިފާއާ ގުޅޭގޮތުން މައްސަލަ ހުށަހެޅި އެކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ވަނީ މައްސަލަ ބަލާ ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އެ މައްސަލައިގައި ތުހުމަތުވި ފިރިހެން މުވައްޒަފު ވަނީ އެތާނގެ އަންހެން މުވައްޒަފަކަށް ބަރަހަނާ ވެބްސައިޓްތަކުގެ ލިންކުތައް ފޮނުވައި ގަޔަށް އަތްލި ކަމުގެ ތުހުމަތު ކޮށްފައެވެ. އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ ޖޫން 18، 2019 ގައެވެ.

ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ތެރޭ ވެސް ޖޭއެސްސީން ވަނީ މިފަދަ ގިނަ މައްސަލަތައް ބަލާފައެވެ.