މިޝްކާ މަރުވި މައްސަލަ ބަލާނެކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން ވަނީ ބަލިމީހާއަށް ލިބެން ޖެހޭ ހިދުމަތް އަވަސް މިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުމުން އެކަން ކުށްވެރި ކޮށްފައެވެ. އަދި މިކަން ހިނގާފައިވާ ގޮތް އެ ކޮމިޝަނުން ބަލާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

ފިޓް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ލާޖަހާގެ / ހދ. ކުޅުދުއްފުށި އަކީ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިޝްކާ މަރުވެފައި ވަނީ ކޮވިޑް ޖެހިގެން 7 ވަނަ އަށް ވީ ދުވަހު ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށްށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްވަލައި ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވައެވެ.

ހެލްތް މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ގިނަބަޔަކު ގޮވާލަމުން ދާއިރު މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.