ސަރުކާރުން ދޭ އެކިއެކި ރަސްމީ ލިޔުންތަކުގައި ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ފާސްކުރަން އެ ބިލު ދިރާސާކުރި މަޖިލިސް ކޮމިޓީން ނިންމައިފިއެވެ.

ސަރުކާރުންދޭ ރަސްމީ ބައެއް ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމަށް ގާނޫނު ފާސްކޮށްފައިވަނީ 1970 ވަނަ އަހަރުއެވެ. މި ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ.

މި ބިލުގައި ބަޔާންކޮށްފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫންކަމަށެވެ. އަދި ސްޓޭމްޕުން ލިބޭ ފައިސާއަކީ ދައުލްތުން ފޯރުކޮށްދެ ހިދުމަތްތަކުން ނަގާ ފީއާ އެ ނޫންވެސް ފައިސާގެ ތެރެއިިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލުގައި އިތުރަށް ބުނެފައިވަނީ މި ކަންކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ފާއިތުވެ ދިޔަ 2 އަހަރު ސްޓޭމްޕް ވިއްކައިގެން ލިބުނު އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ދައުލަތަށް ސްޓޭމްޕް ވިއްކައިގެން 17.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި 2020 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ރެވެނިއު ސްޓޭމްޕް ވިއްކައިގެން ދައުލަތަށް ލިބިފައިވެއެވެ. މިއަހަރު މިހާތަނަށް 547،228 ރުފިޔާ ސްޓޭމްޕް ޕްރިންޓް ކުރަން ހޭދަކުރެވިފައިވާއިރު، 3.7 މިލިއަން ރުފިޔާ މިއަހަރު ސްޓޭމްޕް ވިއްކައިގެން ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ބިލަށް ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ރެވެނިއު ސްޓޭމްޕްގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން ތާއީދު ކުރައްވާ ކަމަށެވެ. މި ބިލު ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.