މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހަސަން މަޖިލީހަށް ހުށައެޅި ބިލަށް ގިނަ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ހިސާން ހަސަން ހުށަލަޅުއްވާފައިވާ ބިލް ހިމަނަން ނިންމާފައިވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ގާނޫނުގެ ދަށުންނެވެ. މި ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލަމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާ، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުމަކީ ކުށެކެވެ. މީގެ އިތުރުން އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާ ސިފަކުރުމުގާއި ބައިވެރިވުމަކީވެސް ކުށެކެވެ.
މި އިސްލާހާ ބެހޭގޮތުން ޝެއިހް އަލީީ ޒާހިރު ބިން ސައީދް ވިދާޅުވެފައިވަނީ މި އިސްލާހަކީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާކުރުމަށާ، އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއްކަމަށް ބުނާ މީހާ "އުލު ބައިދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއްކަމުގައި ނޫނީ ނުދެކޭ ކަމަށެވެ.
ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތްކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރިކުރުވުމަށް ހުރި މަގުތައް މިގައުމުގައި ބަންދުކުރުމަށް ގާނޫނު ހެދުމަކީ ބޮޑު ޖަރީމާއެއްގެ ގޮތައް ސިފަކުރައްވާ ކަމަށެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑު ރައްކާތެރިކުރުމުގެ ޤާނޫނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގައި މިފަދަ ގިނަ މައްސަލަތަކަށް އެކަށީގެންވާ އުޞޫލުތައް ކަނޑައެޅިފައިވާ ކަމަށާ މިގާނޫނު ތަންފީޒު ކުރުމުގެ ބަދަލުގައި، މިހާރު މި ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށްވެސް ޝެއިހް ބުނެފައިވެއެވެ.
ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ވަނީ ބިރު ދެއްކިޔަސް އަދި ޖަލަށް ލިޔަސް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށާ، އިސްލާމްދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށްވުރެ ސަތޭކަ ގުނަ ނުރައްކާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.