މެދުރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މަހުގެ 29 ވަނަ ދުވަހު ރިޕޯޓު ކުރި އެ މައްސަލަ ފެންމަތިވެފައި ވަނީ ނޯތު ސެންޓްރަލް ޑިވިޒަން (ކ. އއ. އދ. ވ) އަތޮޅު ހިމެނޭ ރަށެއްގައެވެ. މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.

މިފަދަ މައްސަލައެއް ފެންމަތުވެފައި ވާއިރު، މި މަހު ވަނީ ކުޑަ ކުއްޖަކު ގްރޫމްކޮށް ގެސްޓްހައުސެއްގައި ޖިންސީ އަމަލެއް ހިންގި ސިފައިންގެ މީހަކުވެސް ހައްޔަރުކޮށްފައެވެ. އެއީ ހދ. ކުޅުދުއްފުށީގައެވެ.