މެދުރާއްޖެތެރޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ނޯތު ސެންޓްރަލް ޑިވިޒަން (ކ. އއ. އދ. ވ) އަތޮޅު ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.

މިފަދަ މައްސަލައެއް ފެންމަތުވެފައި ވާއިރު، މި މަހު ވަނީ ކުޑަ ކުއްޖަކު ގްރޫމްކޮށް ގެސްޓްހައުސެއްގައި ޖިންސީ އަމަލެއް ހިންގި ސިފައިންގެ މީހަކުވެސް ހައްޔަރުކޮށްފައެވެ. އެއީ ހދ. ކުޅުދުއްފުށީގައެވެ.