ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި ކުރިއަށް ގެންދާ ވެކްސިން ކެމްޕޭންގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން، އަންނަ ޖޫން މަހު، ގާތްގަނޑަކަށް 120 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
މި ދަނޑިވަޅަކީ، އިންޑިއާގެ އަމިއްލަ ބޭނުމަށް ފުދޭ ވަރަށްވެސް އެ ގައުމުގައި ވެކްސިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. ކޮވިޑް-19ގެ ދެވަނަ ރާޅަކާ އިންޑިއާއިން ކުރިމަތިލިއިރު، ނިމިގެން މިދާ މެއި މަހު އިންޑިއާގައި އާންމުންނަށް ފޯރުކޮށްދީފައި ވަނީ 79.4 މިލިއަން ޑޯޒް ގެ ކޮވިޑް ވެކްސިނެވެ.
އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި އެ ގައުމުން މިހާތަނަށް 212 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވެއެވެ. ނަމަވެސް 2 ޑޯޒްގެ ވެކްސިން ފުރިހަމަ ކޮށްފައި ވަނީ، 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އެ ގައުމުގެ އެންމެ 3 ޕަސެންޓެއްހާ މީހުންނެވެ.
އިންޑިއާގެ ކޮވިޑް ކޭސްލޯޑަށް ބަލާއިރު، މިއަދަކީ ފާއިތުވީ 46 ދުވަހުގެ ތެރޭގައި އެންމެ މަދު އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރި ދުވަހެވެ. މިއަދު އިންޑިއާއިން ރެކޯޑް ކޮށްފައި ވަނީ 165553 ކޭހެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން އިންޑިއާއިން 3460 މީހުން މަރުވި ކަމަށްވެސް ރެކޯޑް ކޮށްފައި ވެއެވެ.
އިންޑިއާގެ ސަރުކާރަށް ލަފާ އަރުވާ އިސް މުޝީރަކު މިމަހު ކުރީ ކޮޅު ވަނީ، އިންޑިއާގެ ބޭނުމަށް، މިއަހަރުގެ އޯގަސްޓް މަހާއި ޑިސެންބަރު މަހާ ދެމެދު، 2 ބިލިއަނެއްހާ ޑޯޒްގެ ކޮވިޑް ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން ސަޕްލައި ކުރަމުން ދިޔަ ގައުމު ކަމުގައި ވީ ނަމަވެސް، އިންޑިއާއަށް ކުރިމަތިލާން ޖެހުނު ކޮވިޑްގެ ތޫފާނާއެކު، އެ ގައުމުން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން މަޑު ޖައްސަލާފާއެވެ. މިކަމުގެ އަސަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވިޑް ވެކްސިން (ކޮވެކްސް) ފެސިލިޓީއަށްވެސް ވަނީ ފޯރާފައެވެ.