ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ތެރެއިން މީހާތަނަށް 108 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެ ސާވިސް އިން ހާމަކުރި ތަފާސް ހިސާބުތަކަށް ބާލާއިރު މިހާތަނަށް އެ ސާވީސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ތެރެއިން ޖުމްލަ 108 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، 66 މީހަކު ތިބީ ކަރަންޓީން ގައެވެ.

އިތުރު ތަފްސީލް ހާމަކުރަމުން ކަރެކްޝަނުން ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ހުޅުމާލެ ޑީސީގައި ތިބި 2 މީހަކާއި މާލެ ޖަލުގައި ތިބި 12 މީހަކާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި 94 މީހެއް ކަމަށެވެ. އަދި ކަރަންޓީންގައި ތިބި 66 މީހުންނަކީ މާލޭ ޖަލުގައި ތިބި މީހުން ކަމަށް ކަރެކްޝަނުން ބުނެއެވެ.

ހަމައެއާއެކު މި ވަގުތު ހުޅުމާލެ ޖަލާއި މާފުށީ ޖަލުގައި ކޮވިޑް ޕޮޒިޓިވް ކޭސްއެއް ނެތް ކަމަށް ވެސް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކުގައި މިހާތަނަށް 99 ޕަސެންޓް ސްޓާފުން އަދި 55 ޕަސެންޓް ގައިދީންނާއި ބަންދުގައި ތިބި މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 42 ޕަސެންޓް ސްޓާފުން ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ތެރެއިން ދެވަނަ ޑޯޒް އަދި އެއްވެސް މީހަކު ފުރިހަމަ ކޯށްފައި ނުވާކަމަށް ކަރެކްޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ގިނަ ގައިދީންތަކެއް ޕޮޒިޓިވްވެފައިވާ އިރު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މި ވަގުތަކީ ރާއްޖޭގައި އާ ސާޖެއް އުފެދި ގިނަ ކޭސްތަކެއް ފެންނަމުންދާ ދުވަސްވަރަކަށް ވާތީ ކޮވިޑުން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައެވެ.

މި ވަގުތު ކޮވިޑް ޖެހުނު 61،844 މީހުންގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 24،818 މީހުންނެވެ. ގިނަ ބަޔަކު މި ބަލީގައި ބޮޑުވަރުވެ ފަރުވާ ދެމުންދާ އިރު މިވަގުތު މި ބަލީގައި މަރުވި މީހުންގެ އަދަދު މި ވަނީ 157 އަށް އަރާފައެވެ.