މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މިރޭ އޮންނަ އިރު ފައިނަލްގައި ވާދަ ކުރާ އިނގިރޭސި ދެ ޓީމު ކަމަށްވާ ޗެލްސީ އަދި މެންޗެސްޓާ ސިޓީ އެންމެ ފަހުގެ ތަމްރީނުތައް ބާއްވައިފިއެވެ.
ޕޯޗުގަލްގެ ޕޯޓޯގެ ދަނޑު ކަމަށްވާ އެސްޓާޑިއޯ ޑެ ޑްރަގާއޯގައި މިރޭ ކުޅޭ މެޗަށް 16،500 ސަޕޯޓަރުން ވެއްދުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ދެ ޓީމުގެ ސަޕޯޓަރުން ވެސް ހިމެނެއެވެ.
މިސީޒަންގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ މިދެޓީމު މިސީޒަންގައި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކުރި އިރު މި ތިން މެޗުން ވެސް ކުރި ހޯދީ ޗެލްސީއެވެ.
ޗެލްސީ
މިއީ ޗެލްސީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއް ކުޅޭ ތިން ވަނަ ފަހަރެވެ. 2007/2008 ވަނަ އަހަރުގެ ސީޒަންގައި އެޓީމުން ފައިނަލްގައި އިނގިރޭސި ޓީމު މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވި އިރު 2012 ވަނަ އަހަރު ޗެލްސީ މުބާރާތުގެ ތަށި އުފުލާލިއެވެ. އެފަހަރުގެ ފައިނަލް ޗެލްސީ ކާމިޔާބުކުރީ ޖަރުމަނުގެ ބަޔާން މިއުނިކްއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ މިއަހަރުގެ ކުރީ ކޮޅު ޗެލްސީގެ ކޯޗު ކަމާ ހަވާލުވި ތޯމަސް ޓުކުލް ދެއަހަރުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުގައި އޮތް ޓީމެއް މިމުބާރާތުގެ ފައިނަލަށް ގެންދިޔަ ދެވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި އޭނާގެ ކޯޗު ކަމުގެ ދަށުން ފަރަންސޭސިވިލާތުގެ ޕީއެސްޖީ ފައިނަލަށް ދިޔަ އިރު ޖަރުމަނު ޗެމްޕިއަންސް ބަޔާން އަތުން ފައިނަލްގައި އެޓީމު ބަލިވިއެވެ.
މިރޭގެ ފައިނަލް މެޗުގެ ކުރިން ޗެލްސީގެ އެއްވެސް ކުޅުންތެރިއަކު އަނިޔާވެފައި ނުވާ އިރު ފުރަތަމަ 11ގައި ޓުލުކް ހިމަނާނީ ކޮން ކުޅުންތެރިންނެއް ކަމަށް ބުނަން ދައްޗެވެ.
ސިޓީ
މިއީ މިސީޒަންގެ އިނގިރޭސި ޗެމްޕިއަން އަދި ވޭތުވެދިޔަ ހަތަރު ސީޒަންގެ ތެރެއިން ތިން ސީޒަން އިނގިރޭސި ޗެމްޕިއަންކަން ހޯދި ސިޓީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލްއެވެ. އަދި މިއީ ސިޓީގެ އޯނަރުން، ކުޅުންތެރިން އަދި ސަޕޯޓަރުން ވެސް އެންމެ ހޯދަން ބޭނުންވާ އެއް ތައްޓަށް ވަނީ ވެފައެވެ.
މީގެ ކުރިން ސްޕެއިންގެ ބާސަލޯނާއަށް މި މުބާރާތް ދެފަހަރެއްގެ މަތިން ކާމިޔާބުކޮށް ދިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިރޭގެ މެޗުގައި އޭނާގެ ޓީމުން ކުޅޭނެ ގޮތް އެނގޭ ކަމަށާއި ދެކޮޅަށް ކުޅޭ ޓީމުގެ ސަބަބުން އޭނާގެ ޓީމުގެ އުކުޅުތަކަށް މާބޮަޑު ބަދަލެއް ނާންނާނެ ކަމަށެވެ.
ސިޓީއަށް ވެސް މިރޭގެ މެޗަށް ފުލް ސްކޮޑެއް ފިޓްކޮށް އޮތް އިރު މިސީޒަންގައި އެޓީމުގައި މުހިންމު ދައުރެއް އަދާކުރި އައިކޭ ގުންޑުއާން ހުކުރު ދުވަހުގެ ތަމްރީނުތަކުގައި ބައިވެރިވެފައެއް ނުވެއެވެ.
ސިޓީއާއި ޗެލްސީގެ ދެމެދު ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.