އަތޮޅުތެރޭގައި ކޮވިޑް-19ގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުން އިސް ފަރާތެއް ކަނޑައަޅުއްވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރަން ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައަޅުއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅަކަށް ކަނޑައަޅުވާފައިވާ ހާއްސަ ބޭފުޅަކީ ސްޓޭޓް މިނިސްޓަރު ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައެއި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނިޓާ ކުރުމަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށްކުރާ މަސައްކަތަށް ހާއްސަ މިނިސްޓްރީއަލް ކޮމިޓީއެއް ހަރަކާތްތެރިވާއިރު، އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސް ސޯލިހްއެވެ. އަދި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ދަނީ ސީދާ ރައީސްގެ ނާއިބު ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުންނެވެ.