ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ސީދާ އެމަނިކުފާނަށް ދިނުމަށް އެދިއްޖެއެވެ.

ރޭ އެމްޑީޕީިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އަރިހުން އިއްޔެ އެދިވަޑައިގެންފައިވާ ކަމަށެވެ.

ލަތީފު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ހިންގަމުން ދާ ތަހުގީގު އެމްޑީޕީއިން ގާތުން ބަލަމުން ގެންދާ ކަމަށެވެ.

ލަތީހު އެހެން ވިދާޅުވެފައި ވަނީ ތަހުގީގާ މެދު އެތައް ސުވާލުތަކެއް އެމްޑީޕީ ސަޕޯޓަރުން އުފައްދާފައިވާ ދަނޑިވަޅެއްގައެވެ.

ތަހުގީގުގެ މައުލޫމާތު ރައީސް ނަޝީދަށް ސީދާ ލިބިވަޑައިނުގަންނަވާ ތީ މީގެކުރިން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) މެދުވެރިކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނަޝީދު މިހާރު ޖަރުމަނުން ބޭސްފަރުވާ ކުރައްވަމުން ގެންދަވާ ރައީސް އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އަދި ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީހެއް ނޭނގެއެވެ.

އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައިވާ އިރު، އަދި ވެސް ޗެކްއަޕް ހަދަން ހޮސްޕިޓަަލަށް ވަޑައިގަންނަވަން ޖެހޭތީ މަހެއްހާ ދުވަހު ޖަރުމަނުގައި މަޑުކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.