އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 02:00 އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ.

އެގޮތުން މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަންއަށް ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕާމިޓް އޮންނަ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކާޑު ނެންގެވުމަށް ކަސްޓަމާ ސާވިސް ސެންޓަރަށް އަންނައިރު އަމަލުކުރައްވީ ގޮތް:

  • މާސްކު އެޅުން
  • ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން
  • އަމިއްލަ ގަލަން ގެނައުން
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން

ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް އަންނަން ނުޖެހޭނެ ކަމަށެވެ. އެ ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުމަށް ބޭންކުން ވަނީ އެދިފައެވެ.