ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާލިޔުމުގެ އިތުރުން، އެކަހެރިވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫނުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެއެޖެންސީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭ ކަމަށާއި ލިޔުމުގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށެވެ.

އެހެން ނަމަވެސް ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިގޮތުން 14 ދުވަހުގެ މުއްދަތު ނިމޭ އިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަކަންކަން ހުންނަ ނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެ ކަމަށް އެއެޖެންސީން ވަނީ ބުނެފައެވެ. އަދި ފަރުވާ ދިނުމަށް މެޑިކަލްފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވެ ހުންނަ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަމީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭ ގޮތުގެ މަތިން ކަމަށެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެވްރެޖްކޮށް 1000 އަށް އަރާފައިވަނިކޮށެވެ. މިގޮތުން، ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި 7،500 އަށް ވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާ އިރު 2،900 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ ގޭގައި އެކަހެރިވެގެން ތިބ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަ ނަމަ ޞިއްޙީ ލަފަޔާއިފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.