ގޭބިސީތަކުގެ ފެން ބިލުން 30 ޕަސެންޓް އަދި ކަރަންޓު ބިލުން 40 ޕަސަންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންނަށް ލުއިތަކެއް ފޯރުކޮށް ދިނުމުގެ ގޮތުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގޭބިސީތަކުގެ ފެން ބިލުން 30 ޕަސަންޓު ޑިސްކައުންޓަކާއި ވިޔަފާރި ކުރާ ތަންތަނަށް، ބިލުން 20 ޕަސަންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުރިހާ ގޭބިސީއެއްގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓެއް ދޭން ނިންމާފައި ވާއިރު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލުން 20 ޕަސަންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިިދާޅުވީ މި ހުރިހާ ކަމަކީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ ކުރައްވާ ކަންކަން ކަމަށެވެ.

އަދި ހަމައެހެންމެ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް ކުރިއަށް އޮތްތަނުގައި، ކޮވިޑުން ސަލާމަތް ވުމަށްޓަކާ ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.