ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން މިދަނީ މިދިޔަ އޭޕްރީލް މަހު ދިން ލުއިތަކާ ހެދި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ލުއިތައް ދިނުމާއެކު ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރުމަށް ފަސޭހަ ވެގެން ދިއުމުން މިހާރު ކޭސްތައް ރަށްރަށުގައި ވެސް އިތުރުވެފައިވާ ކަމަށެވެ.
އަދި މާލެ ތެރޭގައި ވެސް އެއް ތަނުން އަނެއް ތަނަށް ގޮސް، އެކަނު އަނެކަކާ ބައްދަލުވެ އުޅުމުގެ ފުރުސަތު ލިބިގެން ދިއުމުން ބަލި ފެތުރިފައިވާ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ކޮޅު ކޮވިޑް ކޭސްތައް ދަށްވި ނަމަވެސް މިހާރު ކޮވިޑް ކޭސްތައް އުޅެނީ 1000 އިން މަތީގައެވެ. އެގޮތުން މިއަދު ވެސް 1004 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 835 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 153 އަދި ލިވަބޯޑުން 4 މީހެކެވެ.
ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މާދަމާއިން ފެށިގެން ކޮވިޑުން ރައްކާތެރި ވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައި ވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ.
ރައީސް ވަނީ މިވަގުތު އަލާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑުން އަރައިގަތުމަށް ސަރުކާރާއެކު އެންމެން ވެސް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.