ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި 7 ރަށަކަށް ގެއްލުންތައް ވަމުން ދާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައި ބާރުވެ، ކަނޑު ގަދަވެ، އަދި ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ގެއްލުން ލިބުނު ރަށްތައް:

  • ހދ. ކުޅުދުއްފުށި
  • ކ. ދިއްފުށި
  • ހއ. އުލިގަމް
  • ޅ. ނައިފަރު
  • ރ. މަޑުއްވީ
  • މ. ރަސްމާތީ
  • ހއ. ދިއްދޫ

އެންޑީއެމްއޭ ބުނީ ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށިން މީހުން ދިރި ނޫޅޭ ގެއެއްގެ ފުރާޅު އެއްލާލައިގެން ކައުންސިލް އިދާރާއާއި ކަމާއިގުޅޭ އިދާރާތަކުން ހަރަކާތްތެރިވެފާ ވާ ކަމަށެވެ.

އޭގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކުރުމާއި ހަލުވިކަމާއިއެކު އިޖާބަ ދިނުމާއި ގުޅޭ މަޝްވަރާ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން އެންޑީއޭއާ، ސިފައިން، ފުލުހުން އަދި ދިވެހި ރެޑްކްރެސެންޓް ހިމެނޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ގެއެއްގަ ފެން ބޮޑުވެފައި / ފޮޓޯ: އެންޑީއެމްއޭ

ދިއްފުއްޓަށް އުދައަރައި ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރުކޮށްފައިވާއިރު ކައުންސިލާއި، ރަށު ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެންޑީއެމްއޭއިން ބުނީ އެންޑީއެމްއޭއިން ދިއްފުށްޓަށް ބޭނުންވާ ގޯނި ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އުލިގަމްށާއި ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެންޑީއެމްއޭ

އޭގެ އިތުރުން މަޑުއްވަރިއަށް އުދައަރާ ފެންބޮޑުވެފައިވާއިރު ރަތްމަންދޫއަށް އުދައަރާ ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ދިއްދޫގެ ގެއެއްގެ ފާރެއް ވެއްޓި މީހުން ދިރިއުޅޭ ގެއަކަށް ގެއްލުން ވެފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ވަނީ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ މިންވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ.