ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބޮޑު ހަރަދުކޮށް ހެދި ހުޅުމާލެ މެޑިކަލް ފެސިޓީން ފެންމަތިވާ މައްސަލަތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި އަނެއްކާވެސް މި ވަނީ އިތުރު މައްސަލައެއް ފެންމަތި ވެފައެވެ.
މީގެ ދެތިން ދުވަހެއް ކުރިން ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާކު އާއިއާލަށް ގެއްލުނީއެވެ. 3 ދުވަސް ފާއިތުވެ ދިޔައިރުވެސް ހަބަރެއް ނުވީއެވެ. އެންމެ ފަހުން އާއިލާގެ މެންބަރަކު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒަށް ޓެގް ކޮށް ޓްވީޓެއް ކުރިއެވެ.
އެ ޓްވީޓުގައި ބުނެފައި ވަނީ 90 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ ފަހުން ހަބަރެއް ވެފައި ނުވާތާ ތިން ދުވަސް ވެއްޖެ ކަމަށެވެ. އަދި ބަލިމީހާ ގެއްލިގެން އެޗްޕީއޭއަށް ގުޅުމުންވެސް އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އެ ޓްވީޓަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް19އަށް ފަރުވާ ދޭން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންގޮސް، ގެއްލުނު އުމުރުން ދުވަސްވީ މީހާ ހުރީ އިތުރު ފަރުވާއަށް އެހެން ވޯޑަކަށް ބަދަލުކޮށްފައި ކަމަށާއި ބަލިމީހާގެ އެމަޖެންސީ ކޮންޓެކްޓަށް ހުޅުމާލޭ ފެސިލިޓީއިން މިހާރު ގުޅާފައިވާ ކަމަށެވެ.
އަދި އެކަމަށް އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުންވެސް ތިބިއިރު އެތަން ފުލްވެ ހިދުމަތްތައް ނުލިބޭއިރު އަޅާލުން ވެސް ނުލިބޭ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ. އެތަނުގައި އެކަށީގެންވާ ނަރުުހުންނާއި ޑޮކްޓަރުންވެސް ނެތްއިރު އެ ބަލި މީހުންނަށް ކާނެ އެތިކޮޅެއް ދިއްކޮށްލާނެ މީހަކު ނުހުންނަ ކމަުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ.
އެކަށީގެންވާ ވަރަށް ސާފުތާހިރު ނުވުމުގެ ސަބަބުން ގޭގައި އިތުރު ފަރުވާ އެއް ނުލިބުނަސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެތަނަށް ދިއުމަށް އަންނަނީ ފަސްޖެހެމުންނެވެ.
ހަމަ އެހެންމެ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާ މި ފަނޑިވަޅުގައި މިއަދު އެކަނި ވެސް ވަނީ 10 މީހަކު މަރުވެފައެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 67 އަށް އަރާފައި ވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 139 އަށް އަރާފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމްލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓް ކޮށްފައެވެ.