ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި 7 ދައުވާ ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޒީ އިސްމާއީލް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފިއެވެ.

އެ މައްސަލަ އާ ގުޅިގެން ޖޭއެސްސީ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމައްސަލަ ތަކުގައި ގާޒީ އިސްމާއިލް ރަޝީދު އަމަލުކޮށްފާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އޭގެ އިތުރުން ހަވާލާދެވުނު ގަޟިއްޔާތަކާ ގުޅިގެން އިޖުރާއީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް ޖުލައި 12، 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު ޖުލައި 14، 2020 ވަނަ ދުވަހު އެ ގަޟިއްޔާތަކުގައި ހުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ހުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ހުކުމެއްކަން، ތަހުގީގުށް ހޯދުނު ޕެންޑްރައިވަކުން އެނގޭ ކަމަށެވެ.

ހަމައެހެންމެ ފެބްރުއަރީ 22 ގައި "އިޖުރާއީ ގޮތުން ނިންމި ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "ޓްރިޕް ފައިނަލް ވީ 2" ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭތީ އާ، މި ނަމަކީ އެ ގަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ހިލާފު ނަމެއްކަން ފާހަގަވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން އިތުރަށް ބުނީ ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓާ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޟިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި ގަޟިއްޔާތަކެއްގެ ލިޔެކިޔެން އެކަނި އެ ޕެންޑްރައިވްގައި ހުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ގަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ އަމަލުތަކާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޖޭއެސްސީން ފާހަގަކުރެއެވެ.

އެގޮތުން އެ ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު އެމައްސަލައިގައި ފާހަގަވެފައިވާ ހަތް ގަޟިއްޔާގައި ގާޒީ އިސްމާއިލް ރަޝީދު ހުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނޫންކަން ފާހަގަވާކަމަށް އެކޮމިޝަނުން އެކަން ބެލިބެލުމުން ފާހަގަވެފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން ގާޒީ އިސްމާއިލް ރަޝީދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާއާ، އެ ގާނޫނުގެ 33 ވަނަ މާއްދާގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލް ރަޝީދު ކޮށްފައިވާ އެ އަމަލުތަކަކީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއްކަމަށް ވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.