ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 6 މޭ ގައި ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.

ސިޕީ މިގޮތަށް ވިދާޅުވެފައިވަނީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށްދާ ސްޕީޑް ލަސްކަމުން، އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓެރަރިސްޓް ހަމަލާއާ ގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިޔަށް ގެންދަނީ ވަރަށް އިންތިޒާމްކޮށް ބޭރުގެ މާހިރުންގެ ފަންނީ ލަފައިގެ މަތިން ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދެން.
ސީޕީ މުހައްމަދު ހަމީދު

މި ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް އަދި ވަރަށް ގިނަ މައުލޫމާތު ވިޔަސް، އެއްވެސް ފަރާތަކަށް އެނގޭނަމަ ފުލުހުންނާ ސީދާ ހިއްސާކުރުމަށް ސީޕީ ވަނީ އިލްތިމާސް ކުރެއްވިއެވެ. އަދި މައުލޫމާތު ހިއްސާކުރުމަށް 9704000 ފޯނާ ގުޅުއްވާ ނުވަތަ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަން ބޭނުންވާނަމަ ޕޯޓަލް މެދުވެރިކޮށް ހިއްސާކުރުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގިގު ކުރިޔަށްދާކަމަށް ފުލުހުން މައުލޫމާތު ދޭއިރު ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ވަނީ ބޮން ގޮއްވާ އެމަނިކުފާނު މަރާލަން ފައިސާ ހަރަދުކުރި މީހުން ހޯދަން އެންސީޓީސީ އިން އެކަށީގެންވާވަރަށް މަސައްކަތް ނުކުރައްވާކަމުގެ މައުލޫމާތު ލިބިލައްވާކަމަށް ތުހުމަތުކުރައްވާފައެވެ.