ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ހެދި "މޯލްޑިވްސް ވިތު ފަލަސްތީން" ފޭސްބުކް ގުރޫޕު، ފެސްބުކުން ބަންދުކޮށް ގެއްލުވާލައިފިއެވެ. ބައިލައްކައެއްހާ މެންބަރުންތިބި މި ގުރޫޕު ފޭސްބުކުން ގެއްލުވާލީ އިއްޔެގެ ވަގުތެއްގައެވެ.

މިމަހުގެ 15 ވަނަ ދުވަހު އުފެއްދި އެ ގުރޫޕުން ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ރާއްޖޭގައި ބާއްވާ ހަރަކާތްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

"މޯލްޑިވްސް ވިތް ފަލަސްތީން" ގުރޫޕުގެ އިތުރުން ސޯޝަލް މީޑިއާގެ އިތުރު ޕްލެޓްފޯމްތަކުގައިވެސް ފަލަސްތީނާއެކީ ރާއްޖެ ތިބިކަން އަންގައިދޭ ގުރޫޕުތައް ހަދާފައި ވެއެވެ. އަދި މި ގުރޫޕުތަކާ ޕޭޖުތަކުން އަދި އާންމުން އިސްރާއީލާ ދެކޮޅަށް ފާލުކުރާ ހިޔާލުތައްވެސް ޑިލީޓުކޮށް އަންނީ ހުއްޓުވަމުންނެވެ.

މީގެ އިތުރުން، ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައި ކުރީގެ ލަވަ ކިއުންތެރިޔާ އަދި މިހާރު އިސްލާމް ދިނުގައި ނަމުގައި އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކާ އަލީ ރަމީޒްގެ ޓުވީޓާ އެކައުންޓްވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަލީ ރަމީޒަކީވެސް އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލާ ޓުވީޓުކުރަމުންދާ މީހެކެވެ.